މާސްކް އަޅައިގެން އުޅެން މަޖުބޫރު ތަންތަނުގެ ލިސްޓު، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އިތުރަށް ކުޑަކޮށްފިއެވެ.
އާންމުން އެއްވެއުޅޭ ހުރިހާ ތަންތަނެއްގައި މާސްކް އަޅައިގެން އުޅުމަކީ ޔޫއޭއީގައި މިހާރު މަޖުބޫރު ކަމެކެވެ. އަދި ގިނަ މީހުން ދަތުރުކުރާ ވެހިކަލްތަކުގައިވެސް މާސްކް އަޅަންޖެހެއެވެ.
މާސްކް އެޅުމުގައި އަލަށްދިން ލުއިތަކުގެ ދަށުން، ކަސްރަތުކުރާ ތަންތަނުގައާއި، ގޮނޑުދޮށްތަކާއި، ޕޫލްތަކާއި، ބޯކޮށާ ތަންތަނާއި، ސިއްހީ ޚިދުމަތް ހޯދަންދާ ތަންތަނުގައި މާސްކް ނާޅާއި އުޅެވިދާނެއެވެ.
އެހެން ނަމަވެސް، އެފަދަ ހުރިހާ ތަނެއްގައި އުޅެންޖެހޭނީ ހަފޫޓުގެ ގައިދުރުކަމެއް ބަހައްޓައިގެން ކަމަށް ކަނޑައަޅާފައި ވެއެވެ.
ޔޫއޭއީ ސަރުކާރުން މާސްކް އެޅުމުގައި ލުއިތަކެއް މިދިނީ، އެގައުމުގައި ކޮވިޑަށް ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ޖުލައިމަހުން ފެށިގެން ދަށަށް ގޮސްފައިވުމާ ގުޅިގެންނެވެ.
ޔޫއޭއީގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވަނީ، މާސްކް ނާޅައި އުޅެވޭ އާންމު ތަންތަން އެނގޭގޮތަށް ނިޝާންތައް ހަރުކޮށްފައި ބެހެއްޓުމަށެވެ.
ކަނޑައެޅޭ ވަކި ތަންތަނެއްގައި މާސްކް ނާޅާ އުޅެވޭގޮތް ޔޫއޭއީ ސަރުކާރުން ހެދިއިރު، ޑުބާއީން މިހާރު ތައްޔާރުވަމުންދަނީ އެކްސްޕޯ 2020 ވޯރލްޑް ފެއަރ، އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހު ފެށުމަށެވެ.
މިއީ، ޔޫއޭއީގެ އެތެރެއިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ފަންސަވީހަކަށް މިލިއަން މީހުން ކޮންމެ އަހަރަކު ޒިޔާރަތްކުރާ ފެއަރ އެކެވެ. ކޮވިޑާހެދި މިފެއަރ މިދިޔަ އަހަރު ނުބޭއްވުނެވެ.
މިފަހަރުގެ ފެއަރއަށް ޒިޔާރަތްކުރާ އުމުރުން 18 އަހަރުންމަތީގެ އެންމެންނަކީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް ވާންޖެހެއެވެ. ނުވަތަ އެކްސްޕޯއަށް ވަނުމަށްޓަކައި ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.