އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބްރެޒިލްގެ ހެލްތު މިނިސްޓަރ މާސެލޯ ކީރޯގާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވިއިރު، އދގެ އާންމު މަޖިލީހުގެ ޖަލްސާ އިއްޔެ ފެށިއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި، އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވާހަކަފުޅަށްފަހު، ގައުމެއްގެ އެންމެ އިސް ވެރިންގެ ތެރެއިން އާންމު މަޖިލީހުގައި ފުރަތަމަ ތަގްރީރު ކުރެއްވީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓަރ މާސެލޯ ކީރޯގާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ، ރައީސް ޖައިރްއާއެކު އދގެ މައި މަރުކަޒުގައި އިއްޔެ އުޅުއްވުމަށްފަހު ހޮޓަލަށް ވަޑައިގެންނެވި ފަހުންނެވެ.
ސީއެންއެންއާ ވާހަކަ ދައްކަވަމުން މާސެލޯ ކީރޯގާ ވިދާޅުވެފައިވަނީ، އދގެ މައި މަރުކަޒުގައި އޭނާ އުޅުއްވި ހުރިހާ ވަގުތެއްގައި ހުންނެވީ މާސްކް އަޅުއްވައިގެން ކަމަށެވެ.
ބްރެޒިލް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ހެލްތު މިނިސްޓަރު ނިއުޔޯކްގައި މިހާރު ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.
މިއީ، އާންމު މަޖިލީހުގެ ޖަލްސާއަށްދިޔަ ބްރެޒިލްގެ ވަފުދުން މިހާތަނަށް ޕޮޒިޓިވްވި ދެވަނަ ބޭފުޅާއެވެ.
ބްރެޒިލްގެ ރައީސް ވަޑައިގަތުމުގެކުރިން ތައްޔާރީތައްވުމަށް ނިއުޔޯކަށް ދިޔަ އެޑްވާންސް ޓީމުގެ ޒުވާން ޑިޕްލޮމޭޓަކުވެސް ހަފްތާ ބަންދުގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. ޕޮޒިޓިވްވެގެން އޭނާވެސް ހުންނެވީ އައިސޮލޭޝަންގައެވެ.
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއަކީ ކޮވިޑް ވެކްސިން ޖެއްސެވުމަށް ވަރަށް ދެކޮޅު ބޭފުޅެކެވެ.
އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ވެކްސިން ޖަހާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް އދއިން އުސޫލު ކަނޑައެޅި ނަމަވެސް، ވެކްސިން ޖެހިކަން އެއިން އެއްވެސް ބޭފުޅަކު ސާބިތުކޮށްދެއްވަން ޖެހިވަޑައި ނުގަންނަވައެވެ.
ބްރެޒިލްގެ ރައީސް ވެކްސިން ނުޖައްސަވާ ހުންނެވި ނަމަވެސް، އޭނާ އިއްޔެވަނީ އާންމު މަޖިލީގައި ތަގްރީރު ކުރައްވާފައެވެ.
ދުނިޔޭގެ ލީޑަރުންގެ ކުރިފުޅުމަތީގައި ތަގްރީރު ކުރައްވަމުން ބޮލްސޮނާރޯ ވިދާޅުވީ، ބްރެޒިލްގައި ވެކްސިން ޕާސްޕޯޓް ތައާރަފްކުރަން އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.
ހަމަ އެއާއެކު، ކޮވިޑަށް ފަރުވާ ލިބޭކަމަށް ސާބިތު ނުހިފޭ ބޭސް ބޭނުންކުރަން އޭނާ ކުރާ ތާއީދުގެ މަތީގައި ހުންނެވިކަންވެސް ހާމަކުރެއްވިއެވެ. އެގޮތުން، މެލޭރިއާއާ ދެކޮޅަށްދޭ ބޭހުން ކޮވިޑަށް ފަރުވާ ލިބޭ ކަމަށް ވިދާޅުވިއެވެ.
އެކަމަކު، އޭނާ ވިދާޅުވީ، ބްރެޒިލްގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި، ބްރެޒިލް ރައްޔިތުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ ހުރިހާ ބޮޑެތި މީހުންނަށް އަންނަ ނޮވެމްބަރުމަހު ވެކްސިން ޖަހައި ނިމޭނޭ ކަމަށެވެ.
ބްރެޒިލްގެ ރައީސް ވެކްސިން ނުޖައްސަވާ ހުންނެވުމުން، ނިއުޔޯކްގައި ދަތިތަކާވެސް ވަނީ ކުރިމަތިވެވަޑައި ގެންފައެވެ.
އެގޮތުން، ރައީސް ބޮލްސޮނާރޯއާއި އޭނާގެ ވަފުދު ނިއުޔޯކަށް ދިޔަ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ އާދީއްތަދުވަހު އެއްވެސް ރެސްޓޯރަންޓަކަށް ނުވެއްދުމުން ރޭގަނޑުގެ ފަރީއްކޮޅު ހަމަޖައްސަން ޖެހުނީ މަގުމަތީ ގާޑިޔަލަކުން ޕިއްޒާ ބައްލަވައިގެންނެވެ.
ބްރެޒިލްއަކީ ކޮވިޑްގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ ގައުމަށްވާއިރު، އެގައުމުގެ ރައީސް ބޮލްސޮނާރޯއަކީ ކޮވިޑް ފެތުރުން ހުއްޓުވަން ލޮކްޑައުން ކުރުމާއި އަދި މާސްކް އެޅުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ.
ކޮވިޑްބަލީގައި ބްރެޒީލުން މިހާތަނަށް 591،440 މީހުން މަރުވެފައި ވެއެވެ.