ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި އެކުންފުނިން އިންޑިއާގެ އެގްޒިމް ބޭންކާއެކު ދެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެފްޑީސީ އަދި އެގްޒިމް ބޭންކުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް، މިނިސްޓްރ އޮފް ފައިނޭންސް އިބްރާހިމް އަމީރ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްރަކްޗާރ އަކްރަމް ކަމާލުއްދީން، ރައީސް އޮފީހުގެ އިސްވެރިން، އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި މިމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އެންބީސީސީ ލިމިޓެޑް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން އެފްޑީސީގެ ބޯޑް ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއިކުރި 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ ލިމިޓެޑްއާއި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި އާއިއެކު އެފްޑީސީގެ ފަރާތުން ސޮއިކުރެވިފައިވާ އީޕީސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސުންގ ޔުނިޓްތައް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސަވަރިންގ ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ.

މިއީ އެންބީސީސީ ލިމިޓެޑާއިކު ސޮއި ކޮށްފައިވާ އީޕީސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއިކު ސޮއިކޮށްފައިވާ އީޕީސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.

ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކަފުޅުގައި، ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އިތުރު 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެވޭނެކަމެއްކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، މިއީ މިފަދަ އެހެން މަޝްރޫޢުތަކާ އަޅާ ބަލާއިރު އަގު ހެޔޮ، ތަނަވަސް ޔުނިޓު ތަކެއް އިމާރާތް ކުރެވޭ މަޝްރޫޢުއެއްކަމަށެވެ.

އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 8 މާރިޗް 2021 ވަނަ ދުވަހުއެވެ.

މި 2 މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

މިމަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.