ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދިން މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު މަތިވެރީގައި ޖާބިރު ހިންގާ ގެސްޓްހައުސް ބައްލަވާލެއްވުމަށް އޭނާ އެރަށަށް ވަޑައިގެންނެވުމުން، ރަށުގެ ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް އަޑުއުފުލާ ރަށުން ފޭބުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވެއެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާވެސް ދީފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި މަތިވެރިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 42 އަހަރާއި 19 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ހަމަނުޖެހުމަށްފަހު ޖާބިރު ރަށުން ފޭބީ ފުލުހުންގެ ހިމާޔަތުގައެވެ.