ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ފެނިގެންދާ ހިސްޓޯރިކަލް ފިކްޝަން ފިލްމު "ޕޮނިޔިން ސެލްވަން" އަންނަ އަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.

5 އަހަރު ފިލްމީ މަސައްކަތާއި ދުރުގައި ހުރުމަށްފަހު އައިޝްވާރިޔާ ކުޅޭ މިފިލްމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އަންނަ އަހަރުގެ މެދުތެރޭގައި މިފިލްމު ނެރުމަށް ހަމަޖެހިފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ފިލްމްގެ ޝޫޓިން މިހާރު ނިމިފައިވާކަން ޕްރޮޑަކްޝަން ޓީމުން ވަނީ އިއުލާންކޮށްފައެވެ.

އައިޝްވާރިޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ފިލްމްގެ ޕޯސްޓަރު ހިއްސާކޮށްފައެވެ.

މަނީ ރަތްނަމް ޑައިރެކްޓްކުރާ މިފިލްމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށެވެ.

ފިލްމްގައި އައިޝްވަރިޔާ ފެނިގެންދާނީ ޑަބަލްރޯލުންކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.

"ޕޮނިޔިން ސެލްވަން 1" ގެ ކާސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންނެވެ.

ފިލްމްގެ ލީޑް ރޯލުން ވިކްރަމް ފެނިގެންދާއިރު އިތުރު ކާސްޓުންގެ ގޮތުގައި ފިލްމްގައި ހިމެނެނީ ތްރިޝާ، ކާރްތީ، ޖަޔަމް ރަވީ، ވިކްރަމް ޕްރަބޫ، ޕްރަކާޝް ޖާ، ޖަޔަރާމް އަދި ޝޮބީތާ ދުލިޕާލާއެވެ.

2019 ވަނަ އަހަރު ޝޫޓިންގތައް ފަށާއިފައިވާ މިފިލްމަކީ މަޝްހޫރު ލިޔުންޔެރިޔާ ކަލްކީ ކްރިޝްނަމުރުތީ "ޕޮނިޔިން ސެލްވަން" ގެ ނަމުގައި 1955 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ގެނެސްދޭ ފިލުމެކެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ން 2016 ވަނަ އަހަރުއެވެ.