ރާއްޖޭގައި ލަގްޒަރީ ޔޮޓް ޓުއަރިޒަމަށް އޮތް ފުރުސަތުތައް ދައްކާލުމަށް، ވިޒިޓް މޯލްޑިވްސްއާއި އިންޑަސްޓްރީ ޕާޓްނަރުން، މޮނާކޯ ޔޮޓް ޝޯގައި ބައިވެރިވެއްޖެއެވެ.

މިޝޯ ކުރިޔަށްދާނީ 22 ސެޕްޓެންބަރުން 25 ސެޕްޓެންބަރަށެވެ. މޮނާކޯ ޔޮޓް ޝޯއަކީ ލަގްޒަރީ ޔޮޓް ގެންގުޅޭ ފަރާތްތަކާއި މިފަދަ ޔޮޓް ވިއްކާ ފަރާތްތަކުގެ އިތުރުން، ލަގްޒަރީ ޔޮޓް ޓުއަރިޒަމަށް ހާއްސަ މަންޒިލްތައް އިޝްތިހާރުކޮށް، މިސެގްމެންޓާއި ގުޅުން ހުރި ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް ބާއްވާ ޝޯއެކެވެ.

މި ޝޯގައި ޔޮޓް ޓުއަރިޒަމާއި، ލަގްޒަރީ ޔޮޓްތަކާބެހޭ ހާއްސަ ތީމެޓިކްވޯކްޝޮޕްތަކާއި، އެކްސްޕާޓުން ހިމެނޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެއެވެ. ޔޮޓް ޑިޒައިންކުރާ ފަރާތްތަކާއި ޔޮޓް އުފައްދާ އަދި ޔޮޓް ވިއްކާ ފަރާތްތައް މިހަރަކާތްތަކުގައި ބައިވެރިވެއެވެ.

މި ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި، ލަގްޒަރީ ޔޮޓް ގެންގުޅޭ ވީއައިޕީ ފަރާތްތަކާއި، ޔޮޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން ޔޮޓް ޓުއަރިޒަމްގެ ހިދުމަތް ލިބޭ މަންޒިލްތަކުގެ މައުލޫމަތު ހޯދަން ބޭނުންވާ ފަރާތްތައްވެސް ހިމެނެއެވެ.

600 އެގްޒިބިޓަރުން ބައިވެރިވާ މިޝޯއަށް 31،565 މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ. މި އިވެންޓުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއާއި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުން، އަދި ޝޯގައި ބައިވެރިވާ ފްރާންސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލަގްޒަރީ ޔޮޓް ފަތުރުވެރިކަމުގެ ސެގްމެންޓަށް ޝައުގުވެރިވާ ފަރާތްތަކަށް ރާއްޖެއަކީ ޔޮޓް ސެގްމެންޓުގެ ފަތުރުވެރިކަމަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

އަދި މިމަންޒިލަކީ ޔޮޓް ޓުއަރިޒަމް ދާއިރާގެ ފަރަތްތަކަށް ރައްކާތެރި އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތަކެއް ދެވޭ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން މިޝޯގެ ތެރެއިން އިޝްތިހާރުކުރާނީ ޕްރިންޓް ކުރެވިފައިވާ ބްރޮޝާތަކާއި، ވީޑިއޯ ޒަރިއްޔާއިން ރާއްޖެ އިޝްތިހާރުކުރާނެއެވެ.

2019ވަނަ އަހަރުގެ މޮނާކޯ ޔޮޓް ޝޯއަށް 200 އަށްވުރެ ގިނަ ވީއައިޕީ ވިޒިޓަރުން ޒިޔާރަތްކޮށްފައިވާއިރު، މިޝޯއިން 50 ވުރެ ގިނަ ޔޮޓް ދަތުރު ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި 2019 ވަނަ އަހަރުގެ ޝޯގައި 125 ސުޕަރ ޔޮޓް ދައްކާލާފައިވާއިރު، މި ޔޮޓްތަކުގެ އަގު 4 ބިލިއަން ޕައުންޑާއި ގާތްކުރެއެވެ. އެގޮތުން ދައްކާލެވުނު ސުޕަ ޔޮޓްތަކުގެ ތެރޭގައި 44 އައު މޮޑެލްގެ 14 މެގަޔޮޓް ހިމެނެއެވެ.

ގްޒަރީ ޔޮޓް ސެގްމަންޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރުވަމުން އަންނަ ފަތުވެރިކަމުގެ ސެގްމެންޓެކެވެ. މި ސެގްމެންޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ރާއްޖެއިން މި ސެގްމެންޓުން ލިބެން ހުރި ފުރުސަތުތައް އިޝްތިހާރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ވިޒިޓް މޯލްޑިވްސްގެ މާކެޓިން ސްޓްރެޓަޖީ ބައްޓަން ކޮށްފައިވަނީ ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި، ފަތުރުވެރިކަމުގެ ސެގްމެންޓުތަށް ދުނިޔޭގެ މާކެޓްތަކުގައި އިޝްތިހާރުކުރުމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ރާއްޖޭގެ ޔޮޓް، ލިވަބޯޑު، ގެސްޓްހައުސް، ހޮޓެލްސް އަދި ރިޒޯޓުތަކުގެ މަޢުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ތަޖުރިބާކުރެވޭ ތަފާތު ކަންތައްތައް އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.