މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަ ނުކުރާނެކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ، ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް، ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

މިބިލާއި ގުޅިގެން ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ އިއާދަ ނުކުރެވޭނެފަދަ ގެއްލުމަކަށް ވެދާނެކަމަށެވެ.

ހެއްކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާޙްގެ ސަބަބުން ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވާކަމަށްވެސް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، މި ދާއިރާއިން ދިވެހިރާއްޖެ ހޯދައިފައިވާ ކާމިޔާބީއާ ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި، ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނަލްއަޤްވާމީ މިންގަޑުތަކަށްޖެހޭ ގޮންޖެހުންކަމަށްވެސް ބްރޯޑްކޮމްއިން ވަނ ސިފަކޮށްފައެވެ.

އެހެންކަމުން، މިނިވަން ނޫސްވެރިކަމަށް ހީނަރުކަން އަންނާނެ މި އިސްލާޙް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައި، ނޫސްވެރިކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކޮމިޝަން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށާއި މީޑިއާގެ އެންމެހާ ފަރާތްތަކަށް ބްރޯޑްކޮމްއިން ވަނީ ދީފައެވެ.