ވެންޓިލޭޓަރުގެ މައްސަލައިގެ ތަޙުޤީގު އަވަހަށް ނިންމައި ދިނުމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުޙައްމަދު އެދިވަޑައި ގެންފިއެވެ.

ނިޝާމާ މިކަމަށް އެދިވަޑައިގެންފައިވަނީ ހެޔޮބަދަލެއްގެ އުންމީދުގައި ކުރިދަތުރު، ހިތްދަތިކަމާ ބަދުނާމުގެ ތެރެއަށް ލައިފިކަމަށާއި، އެއް އަހަރު ފާއިތުވެ ދިޔައީ އެެތައް ބައެއްގެ ހިތްހަމަނުޖެހުމާއި، ބަދުދުޢާ އާއި ކުރިމަތިލާންޖެހިފައިވާ ހާލަތުގައިކަމަށް ވިދާޅުވެ އޭސީސީއަށް ޓެގްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ނިޝާމާ ކުރެއްވި ޓުވީޓުގައި ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯދުމުގެ ގޮތުން އައްޑޫގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތެއްގެ ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ.

ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަމީން ހިމެނިވަޑައި ގަންނަވާހެން 11 ބޭފުޅެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި 2020 ވަނަ އަހަރުގެ އޮކޯޓަބަރު މަހުގެ 14 ވަނަ ވަނީ ފޮނުވާފައެވެ.

މި މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވި ލިސްޓުގައި ނިޝާމާ ވެސް ހިމެނިވަޑައި ގަންނަވައެވެ.

ވެންޓިލޭޓަރު މައްސަލައި ދަޢުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ދެ ފަހަރު މަތިން ފޮނުވުމުން ވެސް، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ނެތްކަމަށް ވިދާޅުވެ، ޕީޖީ ޙުސައިން ޝަމީމް ވަނީ ދަޢުވާކުރަން ދެކޮޅު ހައްދަވާފައެވެ.

މިކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ޕީޖީން މިހާރު ގެންދަނީ އޭސީސީއާއި، ފުލުހުންނާއި ގުޅިގެން މައްސަލަ އިތުރަށް ދިރާސާ ކުރަމުންނެވެ.

އެކަން ފާހަގަ ކުރެއްވުމަށް ފަހު ނިޝާމާ ވަނީ ވެންޓިލޭޓަރުގެ މައްސަލައިގެ ތަޙްޤީގު އަވަހަށް ނިންމައި ދިނުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

”ދަޢުލަތަށް އާދޭހާއެކު ދަންނަވަން. ވެންޓިލޭޓަރުގެ މައްސަލައިގެ ތަޙްޤީގު އަވަހަށް ނިންމަވައިލަ ދެއްވުން.“
ނިޝާމާ މުޙައްމަދު

ނިޝާމާ މީގެކުރިން ވަނީ، ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދު ކުރުމުގައި ބަޔަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ފަރާތްތައް ހާމަކޮށް ތަޙުޤީޤަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން ޑެޕިޔުޓީ ހެލްތް މިނިސްޓްރުގެ މަޤާމުން ނިޝާމާ ސަސްޕެެންޑް ކުރީ 2020 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުގައެވެ.

އަދި މިއަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު ވަނީ މަޤާމުން ވަކި ކުރައްވާފައެވެ.

ނިޝާމާ މުޙައްމަދަކީ ޖުމްހޫރީ ޕާޓީގެ ކޮމެޓީ އޮފް ޖެންޑާގެ ޗެއާރގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.