ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެން ނުވާވަރަށް ޚަރަދުކުރުމަކީ އިސްރާފުކުރުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިޤްތިޞާދްކުރުން" މި މައުޝޫއަށް އަލިއަޅުވާލައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ، މުދަލާއި ފައިސާއަކީ، މާތް ރަސްކަލާނގެ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢުމަތެއްކަން ފާހަގަކޮށްފައެވެ.

އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި، ފައިސާ ހޭދަކުރުމަކީ، ސުވަރުގެއަށް ވާޞިލުވުމުގެ މަގެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން އެ މުދާ ބޭނުންކޮށް، ހޭދަކުރަންވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިންކަމަށެވެ.

އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށްބޮޑަށް ކާފިރުވާ ކަމުގައިވިއެވެ."
ހުތުބާ

މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއްކަމަށާއި، އިސްރާފުކުރުމަކީ ޙަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަ ކުރުންކަން ހުތުބާގައި ފަހަގަކޮށްފައިވެއެވެ.

އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފުކުރުންކަމަށް ބުނެފައިވެއެވެ. އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީވެސް އިސްރާފު ކުރުންކަމަށާއި، އަދި މިނޫންވެސް މިފަދަ އެންމެހާ ނޭދެވޭ ކަންތައްތައް ހިމެނިގެންދާނީ އިސްރާފުކުރުމުގެ ތެރޭގައިކަމަށެވެ.

އިސްރާފުކުރުމަކީ، މުއުމިނުންގެ ސިފައެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިޞާދުކޮށްގެން ދިރިއުޅުންކަމަށެވެ. އަދި ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުންކަމަށެެވެ.

އެފަދަ މީހުންނަށް މާތް ﷲ ތަޢްރީފު ކުރައްވާފައި ވެއެވެ. " މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ "ﷲ ގެ މަގުގައި ޖިހާދު ކުރުމުގައި، ބަންދުވެފައި ތިބި ފަޤީރުންނަށް (ޞަދަޤާތް ދިނުން) ހުށްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެއުރެންގެ ޚަބަރު ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެއުރެންގެ ޢަލާމާތްތަކުން، ތިބާޔަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗިއްސަށްއެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ. ތިޔަބައިމީހުން މުދަލުން ކޮންމެ އެއްޗަކާމެދު ދަންނާށެވެ! ފަހެ، ހަމަކަށަވަރުން ﷲ އެކަންތައްތައް މޮޅަށް ދެނެވޮޑިގެންވެއެވެ".
ހުތުބާ

ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށްބެލުމެއް ނެތި ޚަރަދުތައް ކުރަމުންދާ މަންޒަރު މުޖުތަމައުން ފެންނަކަމަށާއި، ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މިޒަމާނުގައި، ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަންނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެންނަމަވެސް، ޒަރޫރަތެއް ނެތް ބޮޑެތި ޚަރަދުތައް ކުރަމުންދާތަން ފެންނަކަމަށާއި، މިއީ ވަރަށްހިތާމަ ހުރި ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އިޤްތިޞާދުކުރުމާމެދު ހޭލުންތެރިކުރުވައި، ޒުވާނުންނަށް އެކަމުގެ ތަރުބިޔަތުދޭން ޖެހޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމްދީނުގައި މަސައްކަތްތެރިކަމާއި، ހޭދަކުރުމާއި، އިޤްތިޞާދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެމައްޗަށް ޒުވާނުން ހޭލުންތެރި ކުރުވަންޖެހޭކަމަށެވެ.

އެއީ މައިންބަފައިންނާއި، ކަމާބެހޭ މަސްއޫލުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެމީހުންނަކީ، އެކުދިންނަށް ހުރި ނަމޫނާތަކެއް ކަމުގައި ވުމީވެސް، ކޮންމެހެން ބޭނުން ކަމެއްކަމަށެވެ.

ހުތުބާގައި ބުނީ، ފަހުންކުރަންޖެހޭ ނުވަތަ ކުރަންޖެހިދާނެ މުހިއްމު ކަންތައްތަކަށްޓަކައި، ފަހަށް ރައްކާކުރުމަކީ މުހިއްމު ކަމެއްކަން އަންގައިދީ، އެކުދިންނަށް ނަޞޭޙަތްދޭން ޖެހޭކަމަށެވެ. އަދިއެކުދިންނަށް މަގުދައްކައި، އެކަމަށް އާދަކުރުވަން ޖެހޭކަމަށެވެ.