ރާއްޖެއާއި ބަންގަލަދޭޝްއާ ދެމެދު އެއަރ ކާރގޯގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމަށް މަޝްވަރާކޮށްފައިވަނީ، އ.ދ. ގެ މައި އިދާރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި ދެޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް ވަނީ ކޮވިޑް ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންވެސް ހިމެނޭގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ޞިއްޙީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެ، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޮވިޑް ޕެންޑަމިކްގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ އައު ދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އެއަރ ކާރގޯގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރުމަށާއި ވިޔަފާރިއާ ކޮމަރސް އަދި އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށްވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.