2000 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "އަސްތިތްވާ" އަށްފަހު 21 އަހަރުފަހުން ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްއާއެކު "ވައިޓް" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ފެށުމަށް ބަތަލާ ތާބޫއާ މަޝްވަރާ ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަރާޓީ ބަހުންނާއި ހިންދީ ބަހުން އުފެއްދި ފިލްމު "އަސްތިތްވާ" އަކީ، އެއަހަރުގެ އެންމެ މޮޅު ފީޗަރ ފިލްމުގެ އެވޯޑްވެސް ކްރިޓިކުން ދީފައިވާ ފިލްމެވެ.

ސަންދީޕް ސިންގް އަދި ރާޖް ޝަނާލިޔާ އުފައްދާ ފިލްމު "ވައިޓް" އަކީ ވަރަށް ވަރުގަދަ މެސެޖަކާއެކު ގެނެސްދޭ ޑްރާމާ ފިލްމެކެވެ.

ފިލްމު މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ އިންޑިއާގެ ހުވަފަތް އަންހެނެއްގެ ހަޔާތް ބިނާވެފައިވާ ގޮތުގެ މައްޗަށެވެ.

އިންޑިއާގެ ސަގާފަތުގައި އޮންނަގޮތުން ފިރިމީހާ މަރުވެ ހުވަފަތްވާ އަންހެނުންނަކީ، ވަރަށް ގިނަ ކަންތައްތަކުން މަހުރޫމުކުރުވާ ބައެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ފިރިމީހާ މަރުވުމާއެކު އަންހެންމީހާ ލާންޖެހޭ ހުދުކުލައިގެ ސާޅީ ނުވަތަ ހުދުކުލައިގެ ސަލްވާރް ކަމީޒްއެވެ.

ފިލްމުގެ ނަމަކަށް "ވައިޓް" ކިޔާފައިވަނީވެސް އެވިސްނުމާ ވީހާވެސް އެއްގޮތްކުރުމުގެ ގޮތުން ވަރަށް ގިނަ ބައެއްގެ މެދުގައި ބަހުސް ކުރުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު މަހޭޝްއާއި ބަތަލާ ތާބޫ މިފިލްމުގެ ސްކްރިޕްޓާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު މިއީ ނެޝަނަލް އެވޯޑް ހޯދާފައިވާ މަހޭޝްއާއެކު ތާބޫ މަސައްކަތް ކުރާނެ ތާރީޚީ 2 ވަނަ ފިލްމަށް ވާނެއެވެ.

ފިލްމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ މިފިލްމުގެ ޝޫޓިންގް އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަށަން ރާވާފައިވާ ކަމަށްވެސް ފިލްމީ ރިޕޯޓުތައް ބުނެއެވެ.

ފިލްމާއި ގުޅެން ބަތަލާ ތާބޫވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ފިލްމުގެ ޝެޑިއުލް ރޭވުމަށް ހަމަޖެހިފައިވަނީ ތާބޫ މިވަގުތު މަސައްކަތްކުރާ ފިލްމުތަކުގެ ޝޫޓިން ޝެޑިއުލްއަށް ފުށުނާރާ ގޮތަށެވެ.

ތާބޫގެ އިތުރުން ޑައިރެކްޓަރު މަހޭޝްވެސް މިވަގުތު އަވަދިނެތި އުޅެނީ އެކްޓަރު ސަލްމާން ޚާންއާއި އޭނާގެ ޅިޔަނު އަޔުޝްމާން ޝަރްމާގެ ކުރިއަށް އޮތް ފިލްމު "އަންތިމް" ރިލީޒްކުރުމުގެ މަސައްކަތުގައެވެ.

ކުރިޔަށްއޮތް 2 މަހެއްހާ ދުވަހުގެތެރޭ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މިވަގުތު ބަތަލާ ތާބޫ އަވަދިނެތި މަސައްކަތް ކުރަމުންދަނީ އަނީސް ބަޒްމީ ޑައިރެކްޓްކުރާ ހެއްވާމަޖާ ބިރުވެރި ފިލްމު "ބޫލް ބުލައްޔާ-2" ގެ ޝޫޓިންގްގައެވެ. ތާބޫގެ އިތުރުން މިފިލްމުން ދެން ފެނިގެންދާނީ ބަތަލާ ކިއާރާ އަދްވާނީ އަދި އެކްޓަރު ކަރްތިކް އަރްޔާންއެވެ.