1980 ގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގައި އެންމެ ގަދައަށް ވިދާލި ބަތަލާ ސަންގީތާ ބިޖްލާނީގެ ހަނދާން އެބަހުރިހެއްޔެވެ؟ ފިލްމު "ޤާތިލް"އިން 1988 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ސަންގީތާ ބިޖްލާނީ ބެލުންތެރިންގެ މެދުގައި ބޮޑަށް މަޝްހޫރު ވެގެންދިޔައީ ޖެހިގެންއައި އަހަރު ރިލީޒްވި ފިލްމު "ތްރިދޭވް" ގައި އޭނާ ދައްކުވައިދިން މޮޅު އެކްޓިންގްގެ ސަބަބުންނެވެ.

1980 ވަނަ އަހަރު މިސް އިންޑިއާގެ ތާޖު ހާސިލުކޮށްފައިވާ ސަންގީތާއަކީ އެދުވަސްވަރު އޭނާގެ ރީތިކަމަށްވެސް ގިނަ ބައެއްގެ ތައުރީފު އޮހިގެންދިޔަ ބަތަލާއެކެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ އޭރު ސަންގީތާއާއެކު މަސައްކަތްކުރި ގިނަ އެކްޓަރުންނާ އޭނާއާ ދެމެދު ލޯބީގެ ގުޅުން އޮންނަކަމުގެ އަޑު ފެތުރިގެން ދިޔުމެވެ. މިދުވަސްވަރު އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ އެކްޓަރު ސަލްމާން ޚާންއާއި ސަންގީތާއާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދުނު ވާހަކައެވެ.

1986 ވަނަ އަހަރުން ފެށިގެން ދެމީހުންގެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުން 10 އަހަރުގެ މުއްދަތަށް ދެމިއޮތްކަމަށް ބުނާއިރު މިގުޅުން ކައިވެންޏާ ހަމައަށް ދާނެކަމަށް ވަރަށް ގިނަ ބަޔަކު އޭރު ގަބޫލުކުރިއެވެ.

ނަމަވެސް ގިނަ ބައެއްގެ ހިތްތައް ނާއުއްމީދު ކޮށްލުމަށްފަހު ބަތަލާ ސަންގީތާވަނީ، 1996 ވަނަ އަހަރު އޭރުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުޙައްމަދު އަޒުހަރުއްދީންއާ ކައިވެނިކޮށްފައެވެ.

2016 ވަނަ އަހަރު ޑައިރެކްޓަރު ޓޯނީ ޑިޒޫޒާ ޑައިރެކްޓްކުރި ފިލްމު "އަޒްހަރު" ގައި ބަތަލާ ސަންގީތާއާއި މުހައްމަދު އަޒުހަރުއްދީންއާއި ދެމީހުންގެ ލޯބީގެ ހަޔާތް ވަރަށް ރަގަޅަށް ދައްކުވައިދީފައި ވެއެވެ.

ބަތަލާ ނަރުގިސް ފަޚްރީއާއި އެކްޓަރު އިމްރާން ހާޝްމީގެ އިތުރުން ބަތަލާ ޕްރާޗީ ދެސާއީ އަދި ލާރާ ދައްތާ ފެނިގެންދިޔަ މިފިލްމުގައި ސަންގީތާއާއި އަޒުހަރުއްދީންގެ ގުޅުން ދައްކުވައިދީފައިވަނީ މުޅިންވެސް ހަގީގަތާ ޚިލާފަށްކަމަށް ފިލްމު އުފެއްދި ޕްރޮޑަކްޝަން ހައުސްއާ ދެކޮޅަށް ސަންގީތާ އެދުވަސްވަރުކޯޓަށް މައްސަލަ ހުށަހެޅި ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި އޭރުވަނީ ބުނެފައެވެ.

ކޮންމެއަކަސް ކްރިކެޓަރ މުހައްމަދު އަޒުހަރުއްދީންއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރިނަމަވެސް ސަންގީތާއާއި ދެމީހުންގެ ކައިވެނީގެ ގުޅުން މާގިނަ ދުވަހު އުފާވެރިކަމާއެކު ހޭދައެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ދެމީހުން 2010 ވަނަ އަހަރު ދެމީހުންގެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައެވެ. އެއަށްފަހު ސަންގީތާވަނީ ފިލްމުތަކާވެސް ވަރަށް ބޮޑަށް ދުރަށް ޖެހިލައިފައެވެ.

ގިނަ ބަޔަކު އުއްމީދުކުރީ ސަންގީތާގެ ކައިވެންޏަށް ނިމުން އައުމާއެކު އޭނާ އަލުން އެނބުރި ސްކްރީނުން ފެންނާނެ ކަމަށެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔައީ އެކްޓަރު ސަލްމާން ޚާންއާއެކު އަލުން ސަންގީތާގެ ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިވެ ސަލްމާންގެ އިތުރުން އޭނާގެ އާއިލާގެ އެކި ހަފްލާތަކުންވެސް ސަންގީތާ ފެންނަލެއް އާއްމުވެގެން ދިޔުމުންނެވެ.

އާއްމުގޮތެއްގައި ލޯބީގެ ގޮތުން ގިނަ މުއްދަތަކަށް އެކީގައި އުޅެފައިވާ ދެމީހަކު އަލުން ރަހްމަތްތެރިންގެ ގޮތުގައި ފެނިގެން ދިޔުމުން އެއްބަޔަކަށް ހައިރާންކަމެއް ލިބުނުނަމަވެސް މިއީ މިހާރު ބޮލީވުޑްގައި އާއްމު ކަމެކެވެ.

މިކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ސަންގީތާ ބުނެފައިވަނީ، ސަލްމާން ޚާންއާއި އޭނާއާ ދެމެދު އޮންނަނީ ގާތް ރަހްމަތްތެރިކަމުގެ ގުޅުމެވެ. މީގެއިތުރުންވެސް ދިގު މުއްދަތަކަށް ދެކެފަރިތަ ފަރާތަކާއެކު ރަހްމަތްތެރިއެއްގެ ގޮތުގައި ދެމިހުރުމަކީ ވަރަށް އުފާވާ ކަމެއްކަމަށްވެސް ސަންގީތާވަނީ ބުނެފައެވެ. އަދި ދެމީހުންގެ ދެމެދުގައި އޮންނަ ގާތް އެކުވެރިކަމުގެ ގުޅުމަށް އޭނާ އަބަދުވެސް އިހްތިރާމްކުރާކަމަށް ބުނެފައެވެ.

ސަންގީތާ ބުނެފައިވަނީ ވޭތުވެދިޔަ މުއްދަތުގައި ކޮންމެވެސް ސަބަބުތަކަކާހެދި ފިލްމީ ކެރިއަރުގައި އެކީގައި މަސައްކަތްކުރި ވަރަށް ގިނަ ކޯ-އެކްޓަރުންގެ އިތުރުން ގިނަ ރަހްމަތްތެރިންނާ ވަނީ ގުޅުން މެދުކެނޑިފައެވެ.

ބައެއް އެކްޓަރުންނާއި ރަހްމަތްތެރިން އެމީހުންގެ ދިރިއުޅުމުގައި އަވަދިނެތި އުޅުމާއެކު އެއްވެސް މީހަކަށް އެހެން ބަޔަކަށް ވަގުތު ދެވޭގޮތް ނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސަންގީތާވަނީ ބުނެފައެވެ.

ނަމަވެސް ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ވަރަށް ގިނަ ރަހްމަތްތެރިންނާ އަލުން ގުޅި ގެއްލިފައިވާ ވަރަށް ގިނަ ފޭނުންނާވެސް ބައްދަލުވެފައިވާކަމަށް ސަންގީތާވަނީ ބުނެފައެވެ.