ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި، އޭގެ ނަތީޖާ މިއަދު ފެނިގެންދާ ކަމުގައި ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ 2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަސްވެނިންނަށް ތަހުނިޔާ ދަންނަވައި، ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި މީހުން ބިނާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، އޭގެ ނަތީޖާ މިއަދު ފެނިގެންދާ ކަމަށެވެ. އަދި އެކަން ކުރުމަށް އޮތް މަގު އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ހޯދިފައިވާކަމަށް ވިދާޅުވިއެވެ.

ހަޟާނަތްތައް ބިނާވެ، ތަފާތު އީޖާދުތައް މިއަދު ފެންނަމުންދާކަމީ މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓްތަކުގެ ހެޔޮ އަސަރާއި ފޮނި ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުއައްސަސާތައް ކުރިއަރުވައި، ވިޔަފާރިން ލިބޭ ނަފާ އިތުރު ކުރުމަށާއި، ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެކި ފަންނުތަކުން އިލްމު ހާސިލްކޮށްފައިވާ ފަންނުވެރީންގެ ދައުރު މުހިންމު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ވިލާކޮލެޖަށް 14 އަހަރު ފުރިގެން ދާއިރު، ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ފެތޭގޮތަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނާއެކު، ތަފާތު 8 ދާއިރާއަކުން 117 ޕްރޮގްރާމެއް އުފައްދައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުސަތު އެ މުއައްސަސާއިން ފަހިކޮށްދީފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

އަދި މީހުން ބިނާކުރުމަށް ކުރަމުން ގެންދަވާ މަސައްކަތުން، މިހާތަނަށް 13،500 އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖުން ތައުލީމު ހާސިލްކޮށް ދަސްވެނިމިފައި ވާކަމީ އެމަނުކުފާނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމުގައި ވިދާޅުވިއެވެ.

ތައުލީމީ، ސިއްހީ، ވިޔަފާރި، ޝަރީއަ އެންޑް ލޯ، ކޮމްޕިއުޓަރ ސައިންސް، ޓުއްރިޒަމް، އިންޖިނިއަރިންގ ފަދަ ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައި. ރާއްޖެއާއި ޔޫ.އެން އާއި އެފަދަ ބައިނަލްއަގްވާމީ އެކި އެކި ދާއިރާތަކަށް ވިލާ ކޮލެޖުގެ އިލްމީ ދިރާސާތައް ކޮށްދީފައިވޭ. ބައިނަލްއަގްވާމީ ކޮންފަރެންސްތައް އިންތިޒާމްކޮށް ހިންގަވާ އިލްމީ ޖާނަލްތައް ޝާއިއުކުރައްވާފައިވޭ. މިފާހަގަކޮށްލީ ވިލާ ކޮލެޖުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ކުޑަ މިންވަރެއް. ތަހުޒީބު މުޖުތަމައު އަކާއި، އުފާފާގަތި އާއިލާތަކެއް ބިނާކުރުމަށާއި، މުއައްސަސާތަކާއި ވިޔަފާރިތައް ކުރިއަރުވަން އެދޭނަމަ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އަޅުގަނޑުމެން ބޭނުންވާނަމަ، އިތުރުކުރަންވީ މީހުން ބިނާކުރުމަށް ކުރާ ހޭދަ.
ގާސިމް އިބްރާހީމް

މީގެއިތުރުން މީހުން ބިނާކުރުމަށް، ބައެއް ކުންފުނިތަކުންނާއި، ދިވެހި ސަރުކާރުން މަތީ ތައުލީމާއި ތަމްރީނަށް ކުރައްވާ ހޭދަ އިތުރުވަމުން ދިއުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އަމިއްލަ ފަރާތްތަކާއި ދައުލަތުން ކުރައްވާ އެފަދަ ހޭދަތަކުގެ އަގުވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި، ތަފާތު އެކި ހާލަތްތައް ކަނޑައްތުކޮށް ރަސްމިއްޔާތުގެ ދަސްވެނީން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި، ކިޔެވުމަކީ ހަޔާތުގެ ކޮންމެ ދުވަހެއްގެ ބަޔަކަށް ހެއްދެވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.