ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ 2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ފަށައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ދަންފަޅިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި މިއަދު ހަވީރު ވަނީ ބާއްވާފައެވެ.

ދަސްވެނީންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ފުރަތަމަ ދަންފަޅީގައި، ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާ އިފްތިތާހް ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ވިލާ ކޮލެޖްގެ ރެކްޓަރ، އަހްމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ލިބުނު ތައުލީމާ، އަށަގަތް އަގުތަކާއި ސިފަތަކަކީ ދަސްވެނީންނަށް އިތުރު ކާމިޔާބީތައް ހޯދުމަށް ފަހިވެގެން ދިޔަ މަގެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް، ހުރިހާ މޮޑިއުލްތަކެއް އޮންލައިންކޮށް ކިޔަވައި ދަރިވަރުން ދެއްކި ހިތްވަރަށް ރެކްޓަރ ވަނީ ތައުރީފްކުރައްވާފައެވެ. ފާއިތުވި އަހަރު ބަލިމަޑުކަމުގެ ތެރޭގައި އައު ހަގީގަތްތަކާއި، އައު ހާލަތްތަކުގައި މަސައްކަތް ކުރުމަށް ދަރިވަރުން ލޯ ހުޅުވިފައިވާ ކަން ފާހަގަކުރައްވާ ރެކްޓަރ ވިދާޅުވީ، ވިލާ ކޮލެޖުން ލިބުނު ތަޖުރިބާގެ އަލީގައި ކިތަންމެ ދަތި ހާލަތުގައިވެސް ދިރިއުޅުމުގެ އަމާޒުތަކަށް ވާސިލްވުމަށް އިތުރު ކުޅަދާންކަން ލިބިފައިވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑުމަކަށްފަހު، މިއަހަރުގެ ދަސްވެނިމުމުގައި ސަނަދުތައް ދިނުމަށް ހަމަޖެހިފައި ވަނީ ވޭތުވެ ދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލްކުރި ހުރިހާ ދަސްވެނިންނަށެވެ.

މިއަހަރުގެ ދަސްވެނިމުމުގައި 1400 އަށްވުރ ގިނަ ދަރިވަރުންނަށް ސަނަދު ހަވާލުކުރެވިގެންދާނެ ކަމަށް ރެކްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑިގްރީ އާއި މާސްޓަރސް ނިންމި ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއަޔާތުގެ ދެވަނަ ދަންފަޅި މިރޭ ކުރިއަށް ގެންގޮސްފައިވާއިރު، މާދަމާވެސް އިތުރު ދަންފަޅިތައް ކުރިއަށް ދާނެއެވެ.