އޮކްޓްބަރ މަހުން ފެށިގެން އައިފޯން 13 ޕްރީއޯޑަރަށް ހުލުވާލަން ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ އަންނަ މަހުގެ 8 އިން ފެށިގެން އައިފޯން 13 ގެ ޕްރީއޯޑަރުތަކަށް ހުޅުވާލާނެ ކަމަށެވެ.

މިމަހުގެ 14 ގައި އެޕަލް ކުންފުނިން ވަނީ އެންމެ ފަހުގެ އައިފޯން ކަމަށްވާ އައިފޯން 13 ދައްކާލާފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައިފޯން އާއި އިތުރު އުފެއްދުންތައް އެކުންފުނިން ދައްކާލާފައިވަނީ ވާޗުއަލްކޮށް ބޭއްވި ހަފްލާއެއްގައެވެ.

މިއަހަރުވެސް އެޕަލްއިން ވަނީ އައިފޯން ސީރީސްގެ ހަތަރު މޮޑެލްއެއް ދައްކާލާފައެވެ. އެއީ އައިފޯން 13މިނީ ،އައިފޯން 13، އައިފޯން 13ޕްރޯ ،އައިފޯން 13ޕްރޯ މެކްސްއެވެ.

މިއަހަރު ދައްކާލި އައިފޯން 13 ސީރީސް ދައްކާލާފައިވަނީ އާ އޭ15 ބައޮނިކް ޗިޕާއިއެކު 5ޖީވެސް ހިމެނޭ ގޮތަށެވެ.

އަދި ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާއިއެކު ތައާރަފް ކޮށްފައެވެ.

އެހެން އައިފޯންތަކާއި ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖް ހިމެނޭނެއެވެ.