ކަލާސް ޓީވީން ގެނެސްދޭ މަގްބޫލް ރިއަލިޓީ ޝޯ "ބިގް ބޮސް" ހުށަހަޅައިދޭ އަގު ބޮޑު ކޮށްދިނުމަށް ބޮލީވުޑް މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހުށަހަޅައިފިއެވެ.

ބެލުންތެރިންގެ ތެރޭގައި މަޤްބޫލްކަން ހޯދާފައިވާ ބިގް ބޮސް، ސީޒަން 4 އިން ފެށިގެން ހޯސްޓް ކުރަމުން އަންނަނީ ސަލްމާން ހާންއެވެ.

އެހެން ނަމަވެސް މިފަހަރު "ބިގް ބޮސް 15" ހުށަހަޅައިދޭ އަގު ބޮޑު ކޮށްދިނުމަށް ޝޯގެ ޕްރޮޑިއުސަރު ގާތުގައި ސަލްމާނު އެދެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.

"ބިގް ބޮސް" ހުށަހަޅައިދީގެން ސަލްމާން ވަރަށް ގިނަ ފައިސާ ހޯދާކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ.

މިފަހަރުގެ ސީޒަންގައި ކޮންމެ ހަފްތާއަކަށް 25 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާއެކު 14 ހަފްތާއަށް "ބިގް ބޮސް 15" ހުށަހަޅައިދިނުމަށް ސަލްމާންއަށް 350 ކްރޯޑް ރުޕީސް (47.4 މިލިއަން ޑޮލަރު) ލިބޭނެއެވެ.

"ބިގް ބޮސް 15" ޝޫޓިންތައް ފެށިފައިވާއިރު މިފަހަރުގެ ޝޯގައި ބައިވެރިވާ ބައިވެރިން ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ ޖަންގަލީގެ ތެރެއިންނެވެ.

މިބައި ހުށަހަޅައިދޭނީ "ބިގް ބޮސް 13" ގައި ބައިވެރިވެފައިވާ އާރްތީ ސިންގް އާއި ދެބޮލީނާ ބަތްރްޗާރިޔާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ބިގް ބޮސް 15" ގެ ޝޫޓިންތަކުގައި ބައިވެރިވުމަށް ސަލްމާން ޚާން ވަނީ އޭނާ މިހާރު ކުޅެމުން އަންނަ "ޓައިގާ 3" ޝޫޓިންތައް މެދުކަނޑާލުމަށް ފަހު އިންޑިޔާއަށް އައިސްފައެވެ.

ބޮލީވުޑް ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު ފަންނާނުން ބައިވެރިވާ ރިއަލިޓީ ޝޯވގައި މިފަހަރުވެސް މަޝްހޫރު މަޤްބޫލް މޫނުތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ.

މިފަހަރުގެ "ބިގް ބޮސް 15" ފެށުމުގެ ކުރިން މިއަހަރު ކަލާޒްގެ ޑިޓިޒަލް ޕްލެޓްފޯމުގައި "ބިގް ބޮސް އޯޓީޓީ" ނަމުގައި އިތުރު ޝޯއެއް ވަނީ ގެނެސްދީފައެވެ.

"ބިގް ބޮސް" ގެ ކޮންމެ ސީޒަނެއް ފަށަން ކައިރިވާއިރަށް ސަލްމާން ޝޯ ހޯސްޓް ކޮށްދިނުމަށް ދެކޮޅުހަދާ ވާހަކައަކީވެސް މިހާރު އައު ވާހަކައެއް ނޫނެވެ. މިފަހަރުވެސް ކަންތައްވީ ހަމަ މިފަދަ ގޮތަކަށެވެ.

އެހެންކަމުން ޝޯގެ ޕްރޮޑިއުސަރުންނަށް ޖެހެނީ ކުރީގެ ސީޒަންތަކުގައި ހުށަހެޅި އަދަދަށްވުރެ މާ ބޮޑު އަދަދެއް ހުށަހަޅައިގެން ޝޯ ހޯސްޓްކުރަން ސަލްމާން ލައްވާ އެއްބަސްކުރުވާށެވެ.