ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފުރަތަމަ އުޅަނދު ބާލައިފިއެވެ.

އުޅަނދު މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވައި އެމްޓީސީީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑު ފެރީގެ ނިޒާމަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ ވައުދު ފުއްދުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މިކަމުގައި އެމްޓސީސީގެ މުވައްޒަފުންނާއި، ޕްލޭމިނިސްޓަރ އަސްލަމް އަދި މުވައްޒިފުންގެ މަސައްކަތަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން އުޅަނދު ބޭލީ މިއަދު ތިލަފުށީގެ ގަލްފް ކްރާފްޓް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީން އަމާޒު ހިފައިފައިވަނީ ހައި ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާށެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ބަންނަން އެމްޓީސީސީން ހަވާލުކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއެވެ .

އެގޮތުން އެ ކުންފުނިން 17 ފެރީއެއް ބަނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ ގަލްފް ކްރާފްޓްއިން ބަންނަ ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ ދުވެލި ބާރު ވާނެ ކަމަށެވެ.

މިމަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި އަލަށް ބަންނަ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ، ގަޑިއަކު 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ.

ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާ ކުރަނީ ދަތުރުތައް ކުރަން އެންމެ އެކަށޭނަ ގޮތަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކިން ޚާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ހުންނާނެ ކަމަށްވެސް ބުނެއެވެ.

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ދަށުން، ޒޯން އެކެއްގެ ދަތުރުތައް ނޮވެމްބަރުމަހު ފަށުމަށް އެމްޓިސީސީން ދަނީ ތައްޔާރުވަމުންނެވެ.

މިޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށް ވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހ.އ، ހ.ދ އަދި ށ. އަތޮޅުގަ މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.

ފުރަތަމަ ހިދުމަތް ފަށާނީ އުތުރުގެ ތިން އަތޮޅުގައެވެ. އެ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅު ކަމަށެވެ.

ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ގޮތަށް ފުރަތަމަ ލޯންޗު މިމަހު ކަނޑަށް ބާލާ، ޓެސްޓް ދަތުރުތައް ފަށާނެކަމަށެވެ.

ފެރީ ނެޓްވޯކްގެ ދަށުން ހަދާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން 40 ފެރީ ސްޓޮޕެއް ހަދާނެ ކަމަށެވެ.