ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އިސްރާއީލަށް އެއް އަހަރުގެ މުހުލަތު ދެއްވައިފިއެވެ.

ފަލަސްތީނުގެ ރައީސް އައްބާސް، އިސްރާއީލަށް މިކަމަށް މުހުލަތު ދެއްވީ، މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ވާޗުއަލްކޮށް ތަގްރީރު ކުރައްވަމުންނެވެ.

ފަލަސްތީނުގެ ރައީސް ވަނީ، 1967 ވަނަ އަހަރު ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދުތަކުން އިސްރާއީލު ނުފައިބާނަމަ، އިސްރާއީލަކީ ދައުލަތެއް ކަމަށް ފަލަސްތީނުން ގަބޫލުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

"އިރުމަތީ ގުދުސް ހިމެނޭގޮތުން، އިސްރާއީލުން 1967 ވަނަ އަހަރު ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފޭބުމަށް އިސްތިއުމާރީ ބާރު އިސްރާއީލަށް އޮތީ އެއް އަހަރުގެ މުހުލަތު"
މަހްމޫދު އައްބާސް

އިސްރާއީލުން އެގޮތަށް ކަންތައް ނުކޮށްފިނަމަ، 1967 ވަނަ އަހަރުގެ ބޯޑަރުތަކާ ހަމައަށްއޮތް އިސްރާއީލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުން ގަބޫލުކުރުމުގެ މާނައެއް ނެތްކަމަށްވެސް ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.

މުޅި ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލާއ އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހުގައެވެ. އޭގެ އެތައް އަހަރެއް ފަހުން އިސްރާއީލުންވަނީ މުޅި ގުދުސްއަކީ އިސްރާއީލުގެ އަމިއްލަ ބިމަކަށް ހަދާފައެވެ. އަދި ހުޅަނގު އައްސޭރީގެ އެތައް ބިމެއްގައި ޔަހޫދީ އެތައް އާބާދީއެއް ހަދައި، އެ އާބާދީތަކުގައި އެތައްހާސް ޔަހޫދީން ވަޒަންވެރިކޮށްފައި ވެއެވެ.

އަދިވެސް އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހެދުން އިތުރަށް ފުޅާކުރަމުންނެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ނަސްލީގޮތުން ތަފާތުކޮށް، ނަސްލު ފޮހެލައި ނެތިކޮށްލުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ކަމަށްވެސް ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައީސް އައްބާސްގެ ތަގްރީރުގައި، ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފަރެންސެއް އިންތިޒާމު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް ގޮވާލެއްވިއެވެ.

އދގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިސްރާއީލާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ދެދައުލަތުގެ ހައްލަކަށް މުޅި އަހަރު ދުވަހު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން، ހިފާފައިވާ ބިންތަކުން ފޭބުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިސްރާއީލަށް އެއް އަހަރު ދުވަހުގެ މުހުލަތު ދެއްވުމުން އިސްރާއީލުންވަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރަމުން އެބަ ގެންދެއެވެ.

އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ ގިލާޑް އަރްދާން ބުނީ، ސުލްހައަށް ސަޕޯޓްކުރާ މީހަކު އަދި މަޝްވަރާއަށް ދާން ބޭނުންވާ މީހަކު މިފަދަ އިންޒާރުތަކެއް ނުދޭނޭ ކަމަށެވެ.