މި ހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އިންޑިއާއިން 191،824 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 168،221 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިން ވަނާގައި އޮތް ޖަރުމަނުވިލާތުން ޒިޔާރަތްކުރީ 51،031 ފަތުރުވެރިންނެވެ.

ލިސްޓުގައި ދެން ހިމެނެނީ، އެމެރިކާ، ސައުދީ އަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތުގެ އިތުރުން ކަޒަކިސްތާނާއި ފްރާންސްއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 843،552 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 399،174 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 1،219،453 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތްދޭ 882 ތަނެއް ހުޅުވާލާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 156 ރިސޯޓާއި، 582 ހޮޓަލާއި، 144 ސަފާރީއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ އެމިރޭޓްސް މެދުވެރިކޮށެވެ.

މީގެއިތުރުންގަތަރު އެއާވޭސް، އޭރޯފްލޮޓް، އިންޑިގޯ، ގޯ އެއާ، ފްލައި ދުބާއީ އަދި ޓާކިޝް އެއާލައިންސް އިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.