ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ޗައިލްޑްހުޑް ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

ދިރާގުން ބުނީ 2018 ވަނަ އަހަރުން ފެށިގެން، ސެޕްޓެމްބަރ މަހު ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރ އެވެއަރނެސް ކެމްޕެއިން" ގައި ކުރިންވެސް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާއިތޯ ބެލުމާއި ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށްފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމަޢުއަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދާދިފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސަރޗް އޮން ކެންސަރއިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި، ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައި ވަނީ ނަމަވެސް މިހާރު ޗައިލްޑްހުޑް ކެންސަރ ވަނީ ނުހަނު އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސްއަކަށް ވެފައެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކެންސަރުގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ ބައްރުގައިއެވެ.

ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ އެކެއް އިންސައްތައެވެ.

އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 އިންސައްތަ ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެއެވެ.

އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިނކުޑިއަށް ޖެހޭ ކެންސަރު ފަދަ ކެންސަރު ބަލީގެ ބާވަތްތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިންޖެހޭ ކެންސަރު ބަލީގެ ތެރެއިން ބާވަތްތަކެވެ.

މި އަހަރުގެ ކެމްޕެއިން ފެށުމުގެ ގޮތުން ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑްހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލާފައިއެވެ.

މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ވީޑިއޯ ސީރީސް އެއްވެސް ވަނީ ނެރެން ގަސްތުކޮށްފައެވެ.

މި ސީރީސްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑްހުޑް ކެންސަރއާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މިކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ.

މި ކެމްޕެއިނުގައި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ޚާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައިއެވެ.

ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސަރ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން."
ދިރާގުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ

ދިރާގުން ދަނީ ކުޑަކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.