ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަޕަރ ސައުތު ޕޮލިސް ޑިވިޝަން (ގއ. އަދި ގދ) ގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އެރަށުގެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރެއްގެ މައްޗަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އަދި އެފަދަ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، މިނިސްޓްރީން އެ މައްސަލަ މިހާރު ބަލަމުން ދާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައަސަލަތަކެއް ކަމަށާއި، އެހެންކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.