ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މެޗެއް ކުޅޭކަމުގައި ވާނަމަ ދަނޑުގައިވެސް އަދި ގޭތަކުގެ ސިޓިންގ ރޫމުތަކުގެ އިތުރުން ބޮޑު ސްކްރީނުގައި މެޗު އަޅުވައިގެން ބަލާނަމަވެސް އެންމެ ތިޔާގި، އެންމެ ބޮޑަށް ފާހަގަކުރާ ކުލައަކީ ރަތް ކުލައެވެ.

ސަބަބަކާއި ނުލައެއްވެސް ނޫނެވެ. އެއީ ގައުމީ ޓީމުން މެޗުތަކުގައި ބޭނުންކުރާ "ހޯމް ކިޓް" ގިނަ ފަހަރަށް ރަތް ކުލައިން ފަރުމާކޮށްފައިވާތީއެވެ. މަދުފަހަރެއްގައި މެނުވީ ރަތް ކުލަ ނޫން ކުލައެއް ގައުމީ ޓީމުގެ ހޯމް ކިޓް ނުވަތަ ހޯމް ޖާޒީ ގައި ބޭނުންކޮށްފައެއް ނުވެއެވެ.

އެގޮތުން 2005 ވަނަ އަހަރު ޕާކިސްތާނުގައި އޮތް މުބާރާތެއްގައި ރާއްޖެއިން ހޯމް ކިޓްގެ ގޮތުގައި ނޫކުލަ ބޭނުންކޮށްފައިވާއިރު އެއް އިރެއްގައި ފީފާގައި ރާއްޖޭގެ ހޯމް ޖާޒީގެ ކުލަ އަކީ ނޫކުލަ ކަމަށް ރަޖިސްޓަރ ކޮށްފައިވާ ދުވަސްތަކެއްވެސް ވާކަމުގެ މައުލޫމާތު ލިބެއެވެ.

އެންމެފަހުން ރާއްޖެއިން ބޭނުންކުރި ޖާޒީ އަކީ ކެލްމޭ ބްރޭންޑުގެ ޖާޒީއެއް

ގައުމީ ދިދައިގެ ރަތް ކުލައިން ރަމްޒުކޮށްދޭ ގައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންގެ ލެއިން މިސާލުނަގައިގެން ގައުމުގެ ޝަރަފާއި ފަހުރަށްޓަކައި ދަނޑުމަތީގައި ކުޅުންތެރިން އެކުރާ ޖިހާދުވެސް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭނެ ކުލައަކަށް ވާނީ ރަތް ކުލަކަން ޔަގީނެވެ. ގައުމީ ޓީމުގެ ހޯމް ކިޓުގައި ރަތްކުލަ މައިގަނޑު ކުލައަކަށް ބޭނުންކުރާ ސަބަބަކީ އެއީ ކަމުގައިވެސް ވެދާނެއެވެ.

އެހެންނަމަވެސް ދިވެހި ދިދައިގައި ހިމެނޭ ކޮންމެ ކުލައަކީވެސް ގައުމީ ވަންތަ ދިވެހިންގެ އަމިއްލަވަންތަކަން ނުވަތަ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ކުލައެކެވެ. ފެހި ކުލައިން މިނިވަންކަމާއި އަމާންކަން ރަމްޒުކޮށްދޭއިރު ހުދުކުލައިން ރާއްޖެ އަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައިވާ ގައުމެއްކަން ރަމްޒުކޮށްދެއެވެ.

ގައުމީ ޓީމުގެ ޖާޒީގައި މީގެކުރިން ބޭނުންކޮށްފައިވާ ކުލަތަކަށް ބަލާލާއިރު ރަތް ކުލައިގެ އިތުރުން އަވޭ ޖާޒީގައި ނޫކުލަ، ފެހިކުލަ ބޭނުންކޮށްފައިވެއެވެ.

ރާއްޖެއިން މީގެކުރިން ބޭނުންކޮށްފައިވާ ޖާޒީތަކެއް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު މިއީ ހުރިހާގޮތަކުންވެސް ތަފާތު، ދިވެހިންނަށް ހާއްސަ މުބާރާތެކެވެ. ސަބަބަކީ މިއީ ހަމައެކަނި ރާއްޖެއިން މި މުބާރާތް ހޯސްޓުކުރާ ފުރަތަމަ ފަހަރަށްވުމުގެ އިތުރުން މުބާރާތަށް ދިވެހިން ނުކުންނަނީ ހުރިހާކަމެއްގައިވެސް ދިވެހިންގެ ބައިވެރިވުމާއެކުއެވެ.

މުބާރާތުގެ ލޯގޯ، ބްރޭންޑިންގ، މާކެޓިންގެ އިތުރުން މުބާރާތާއި ރާއްޖޭގެ ޓީމު ކުރިމަތިލާނީ 100 އިންސައްތަ ދިވެހި ޓީމެއްގެ ގޮތުގައި 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމަކާއެކުއެވެ،

މިފަހަރު އެންމެ ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ މިމުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން މެޗުތަކުގައި ބޭނުންކުރާ ކިޓު ތައްޔާރުކުރަނީވެސް ހަމަ ދިވެހިންނެވެ.

ދިވެހި ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެޕެރަލްސް އިން މިފަހަރުގެ ކިޓް ނުވަތަ ޖާޒީތައް ފަރުމާކުރާއިރު މިއީ ގައުމީ ޓީމުގެ ޖާޒީ ދިވެހި ކުންފުންޏަކުން ފަރުމާކުރާ ފުރަތަމަ ފަހަރެވެ.

އެފްއޭއެމާއި އައިލެންޑް އެޕަރަލްސް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ އެންމެ މުހިންމު ހިއްސާދާރުން ކަމުގައިވާ 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުންނަށްވެސް މި ޖާޒީ ހޯދުމުގެ ފުރުސަތު، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ ފަހިކޮށްދީފައެވެ. މިމަހުގެ 25 ވަނަ ދުވަހު ޖާޒީ ހޯދުމަށް ޕްރީ އޯޑަރ ކުރުން ހުޅުވާލާފައިވާއިރު ފާހަގަވި އެއްކަމަކީ މިފަހަރުގެ ހޯމް ކިޓަކީ ހުދު ޖާޒީއެއްކަން އައިލެންޑް އެޕެރަލްސް އިން ހާމަކޮށްފައިވުމެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ބޭނުންކުރާނީ ކޮން ކުލައެއްގެ ހޯމް ކިޓެއްކަން އަދި ފައިނަލް ނުކުރާ ކަމަށާއި، އެހެންނަމަވެސް އެއީ ހުދުކުލައަށް ހެދުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ހޯމް ޖާޒީގެ ކުލަ ފައިނަލް ކުރާނީ ސާފްގެ އިސްވެރިންނާއެކު މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމަށް ފަހުގައިކަން އޮފިޝަލް ހާމަކޮށްފައިވެއެވެ.

ކޮންމެއަކަސް ކޮންމެ ކުލައެއްގެ ޖާޒީއެއްގައި ދިވެހިންގެ ފަހުރުކަމުގައިވާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ނުކުތަސް، ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ދިވެހިން ތައްޔާރުވާނެކަން ކަށަވަރެވެ. ލިމިޓެޑް ސަޕްލައި އަކާއެކު ޖާޒީ ވިއްކާއިރު ޑެޑްލައިން ހަމަވިއިރުވެސް އެތައް ސަޕޯޓަރުންނެއް ގައުމީ ޓީމުގެ ޖާޒީއެއް ލިބޭތޯ މަސައްކަތް ކުރަމުންދާނެކަންމީ އެއްވެސް ދިވެއްސަކަށް ނޭނގި އޮންނާނެކަމެއް ނޫނެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތްތަކަށް ބަލާލިޔަސް އެކަން ފެންނާނެއެވެ.

އަލީ އަޝްފާގް (ދަގަނޑޭ) އާއިއެކު ދިވެހި ސަޕޯޓަރުން- ފޮޓޯ:- މިހާރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބޭނުންކުރާ ޖޯޒީ ދައްކާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ. ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޢަބްދުﷲ ނަޝާތު އެވެ.

އައު ޖާޒީއެއްގައި އައު އުންމީދެއްގައި ދިވެހިން ޑިފެންޑިންގ ޗެމްޕިއަނުންގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕާއި ކުރިމަތިލާއިރު އަމިއްލަ ފަސްގަނޑުގައި މިމުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.