މިފެށޭ އޮކްޓޫބަރުމަހުގެ ތެރޭގައި 8 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރާނެ ކަމަށް އިންޑިއާއިން އިއުލާން ކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ، އޮކްޓޫބަރު މަސް ނިމެންވާއިރަށް މަދުވެގެން 8 މިލިއަން ޑޯޒްގެ ވެކްސިން އެކްސްޕޯޓްކުރަން ނިންމާފައިވާ ކަމަށެވެ.

ބޭރު ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރަން އިންޑިއާއިން މި ނިންމީ، ވެކްސިން އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފަހުގައެވެ.

ވެކްސިން އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އަލުން އެކްސްޕޯޓްކުރަން ފަށާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެވަޑައި ގެންނެވީ، އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާ ހިމެނޭ ގްރޫޕުގެ ވެރިން ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމުގައެވެ.

މިއީ، އޭޝިޔާ ފެސިފިކް ސަރަހައްދުން ޗައިނާގެ ނުފޫޒު ކުޑަކުރުމަށް މަސައްކަތް ކުރުމަށް ހަރަކާތްތެރިވާ ގްރޫޕެކެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮކްޓޫބަރުމަހު އެކްސްޕޯޓްކުރާ 8 މިލިއަން ޑޯޒްގެ ތެރޭގައި ހިމެނޭ ޖޯންސަން އެންޑް ޖޯންސަންގެ ގިނަ ވެކްސިން އެކްސްޕޯޓްކުރެވޭނީ އޭޝިޔާ ޕެސިފިކް ރީޖަންގެ ގައުމުތަކަށް ކަމަށެވެ.

ހަރްޝް ވަރްދާން ވިދާޅުވީ، މިއީ ވަރަށް އަވަސް މަގަކުން ފޮނުވޭ ވެކްސިން ޝިޕްމަންޓްތަކެއް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންއިން ތަރައްގީކުރި ކޮވިޑް ވެކްސިންވެސް އުފައްދަނީ އިންޑިއާގައެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރުމަސް އަންނަން ވާއިރަށް ދުނިޔޭގެ އެކި ހިސާބުތަކަށް އެއްބިލިއަން ޑޯޒްގެ ވެކްސިން އެކްސްޕޯޓްކުރަން، މިއަހަރުގެ ކުރީކޮޅު އިންޑިއާއިންވަނީ ވައުދުވެފައެވެ.

އެކަމަކު، އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ޖަހަން އިސްކަން ދިނުމުގެ ގޮތުން އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރުން ހުއްޓާލީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ވެކްސިން އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތްއޮތުން އިންޑިއާއިން މި ހަފްތާގައި އުވާލީ، އެގައުމުގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދާއި އަދި ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ދަށަށް ދިއުމާ ގުޅިގެންނެވެ.

އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 840 މިލިއަން މީހުންނަށް ވެކްސިން ދީފައި ވެއެވެ.

އިންޑިއާގެ މުޅި އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ މަދުވެގެން ދެބައިކުޅަ އެއްބައި މީހުން ވެކްސިންގެ އެއްޑޯޒް ޖަހާފައިވާއިރު، 16 އިންސައްތަ މީހުން ދެޑޯޒް ޖަހާފައި ވެއެވެ.