ކަލާރސް ޓީވީން އަންނަ މަހުގެ 2 ގައި ދައްކަން ފަށާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން މި ފަހަރު ފަސް މަސް ދުވަހަށް ދިގުދެމިގެން ހިނގައިދާނެ ކަމަށް އެ ޝޯގެ ހޯސްޓް ސަލްމާން ޚާން ބުނެފިއެވެ.

އާ ސީޒަން ގެނެސްދިނުން ކުޑަތަންވަމުން އަންނަ އިރު، މި ފަހަރު ޝޯ އަކީ ކުރީގެ ސީޒަންތަކާ ހިލާފަށް އާ ކަންތައްތަކެއް ފެނިގެންދާނެ ސީޒަނެއް ކަމަށް ވެސް ސަލްމާން ވަނީ އިންޑިޔާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައެވެ.

"ބިގް ބޮސް 15" ގެނެސްދޭން ހަަމަޖެހިފައި ވަނީ ޖަންގަލީގެ ތީމަކަށެވެ. މިގޮތަށް ކަން އޮތުމުގެ ސަބަބުން ބިގް ބޮސްގެ ރަސްމީ ގެއަށް ވަނުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނީ ޖަންގަލިތެރޭގެ އުނދަގޫ ދަތުރަކަށް ފަހު ކަމަށް މިހާރު ދައްކާ ޕްރޮމޯ ތަކުން ފެނެއެވެ.

ސަލްމާން ބުނީ އޭނާ ހުރީ އާ ސީޒަނާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ފަސް މަހަށް ޝޯ ދެމިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. "ބިގް ބޮސް" އަކީ ކުރިން ތިން މަހަށް ބައިވެރިން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭ ޝޯއެކެވެ.

އެކަމަކު މި ފަހުގެ ބައެއް ސީޒަންތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވެއެވެ.

އެގޮތުން 14 ވަނަ ސީޒަނަކީ އެންމެ ދިގުކޮށް ގެނެސްދިން ސީޒަނެވެ. މި ސީޒަން ކާމިޔާބު ކުރީ ރޫބީނާ ޑިލައިކްއެވެ.

ޖުމްލަ 142 އެޕިސޯޑް ގެނެސްދިން ސީޒަން އޮކްޓޯބަރު 3، 2020 ގައި ފަށައި ނިންމާލީ ފެބްރުއަރީ 21، 2021 ގައެވެ.

ދެން އެންމެ ދިގުކޮށް ގެނެސްދިނީ ދާދި ފަހުން ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު ޝުކްލާ ކާމިޔާބުކުރި ސީޒަން 13 އެވެ.

2019 ސެޕްޓެމްބަރު 29 ގައި ފެށި އެ ސީޒަން 139 އެޕިސޯޑާ އެކު ނިންމާލާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

"ބިގް ބޮސް 15" އަންނަ މަހުގެ 2 ވަނަ ދުވަހުގެރޭ ފަށާއިރު އަދިވެސް ޝޯވގައި ބައިވެރިވާ ސެލެބްރިޓީންނަކީ ކޮބައިކަން މުޅިއަކުން ކަށަވަރެއް ނުވެ އެވެ. އެހެން ނަމަވެސް ފެނިދާނެ ކަމަށް ލަފާ ކުރާ ބައެއް ސެލެބްރިޓީންގެ ފޮޓޯވެސް ބައެއް ނޫސްތަކުން ދަނީ ރިޕޯރޓް ކުރަމުންނެވެ.

އެހެން ނަމަވެސް ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން މި މަހުގެ 17 ގައި ނިންމައިލި "ބިގް ބޮސް ވޫޓް" ގެ ބައެއް ބައިވެރިން ވެސް ސީޒަން 15 އިން ފެންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އޭގެ ތެރޭގައި ބަތަލާ ޝަމީތާ ޝެޓީ އާއި ކޮރިއޯގްރާފަރު ނިޝާންތު ބަޓާއި ސީޒަން 13 ގައި ވާދަކުރި އާސިމް ރިއާޒްގެ ބޭބެ އުމަރު ރިއާޒާއި ޑޯނަލް ބިޝްޓް ހިމެނެއެވެ.