ދިރާގުން "21 ނޯ ޕްލާސްޓިކް ޑޭސް" ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ފަށާފައި ވަނީ ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް އެވެއާނަސް މަސް 2021 ފާހަގަކުރުމާ ގުޅިގެން ކަމަށް ދިރާގުން ބުނެއެވެ.

އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވެފައިވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށެވެ.

އައު އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ބައެއް މީހުންގެ މެދުގައިވެސް ވަރަށް މަޝްހޫރު ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

އެެގޮތުން ދިރާގުން ފެށި މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ 21 ދުވަހުގެ ތެރޭގައި މި ނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓީކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކެމްޕެއިންގައި ބައިވެރިވެވޭނީ #21NoPlasticDays މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެމީހެއް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ މި އާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްލައިގެންނެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް ކޮންމެ މީހަކުވެސް އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ކޮންމެވެސް އެއް އާދައެއް ދޫކުރުމަށް އަޒުމު ކަނޑައަޅަން ވާނެއެވެ.

މީގެ ތެރޭގައި ކާ އެއްޗެހި އަޅާ ޑިސްޕޮސަބަލް ޕްލާސްޓިކް ޓޭކްއަވޭ ކޮންޓައިނަރ ތަކުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންޓައިނަރ ބޭނުން ކުރުން އަދި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅާއި ފެންފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ކަނޑުފަޅުތައް ހިމާޔަތް ކުރަން ކުރެވިދާނެ އިތުރު އެތައް ކަމެއް ހިމެނިދާނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮންމެ ހަފުތާއެކު މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި 3 ފަރާތެއް ހޮވާއިރު 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 9 ފަރާތް ހޮވިގެން ދާނެއެވެ.

އަދި މި ފަރާތްތަކަށް "ޕްލާސްޓިކް ފްރީ ސްޓާޓަރ ޕެކް" ހަދިޔާއެއްގެގޮތުގައި ލިބޭއިރު މި ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެތި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދް ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުމާމެދު މުޖުތަމައު އިން ވިސްނާ، ފަރުދީ ޒިންމާ އަދާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ކަންކަން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ބަދަލުކުރުމަށް ބާރު އެޅުން ކަމަށެވެ.

"ލައިފް ބިލޯ ވޯޓަރ" އަކީ އަލިފުދާލުގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިންވެސް މުހިންމު އެއް ލަނޑުދަޑިއަށްވާއިރު ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައެވެ.

އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ.

2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، 2016 ވަނަ އަހަރުން ފެށިގެން ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން އިތުރުވި ޕީޕއީ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.