ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހެދި މިދިޔަ އަހަރު ރިލީޒްކުރުން ފަސްކޮށް ސިނަމާތަކުގައި ނޫނީ ނުގެނެސްދޭން ނިންމި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ ފިލްމު އަޅުވަން ނިންމާފައި ވަނީ ނޮވެމްބަރުގައި އިންޑިޔާގައި ފާހަގަކުރާ ކުލަގަދަ ދިވާލީ ފެސްޓިވަލްގެ ތެރޭގައި ކަމަށް ބޮލީވުޑް ޚަބަރުތަކުން ބުނެއެވެ.

"ސޫރިޔަވަންޝީ" ބެލުންތެރިންނަށް ގެނެސްދޭނީ ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ. އެ ދުވަސް ދިމާވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާއެވެ.

ކުރިން މި ފިލްމަކީ މިދިޔަ އަހަރުގެ މާޗް މަހުގެ 24 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. އެހެން ނަމަވެސް ފިލްމު އެޅުވޭގޮތް ނުވީ ކޮވިޑާއި ގުޅިގެން އިންޑިޔާގައި މާޗް މަހުގެ 22 ވަނަ ދުވަހު އިޢުލާން ކުރި ފުރަތަމަ ލޮކްޑައުންއާ އެކު ސިނަމާތައް ވެސް ބަންދުކުރުމާ ގުޅިގެންނެވެ.

"ސޫރިޔަވަންޝީ" ނޮވެމްބަރު މަހު ގެނެސްދޭން ނިންމީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ މަހާރަޝްތުރާގެ ހުރިހާ ސިނަމާތަކެއް އަންނަ މަހުގެ 22 ގައި ހުޅުވަން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަކްޝޭ ކުރި ޓްވީޓެއްގައި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ރޯހިތުގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ "ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ފިލްމެވެ.

މިއީ އަކްޝޭއާ އެކު ރޯހިތުގެ ފުރަތަމަ ފިލްމެވެ. ރޯހިތުގެ ކޮޕް ޔުނިވާސްގެ އަނެއް ދެ ފިލްމަކީ އަޖޭ ދޭވްގަންއާއިއެކު ހަދާ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" އެވެ. އަކްޝޭގެ ފިލްމުން މި ދެ ތަރިން ޚާއްސަ ފެނިލުމެއްގެ ގޮތުގައި ފެންނާނިގެންދާނެއެވެ.

"ސޫރިޔަވަންޝީ" އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަކްޝޭ އާއި ކެޓްރީނާ ކައިފްގެ ޖޯޑު އެކުގައި އަލުން ފެންނާނެ ފިލްމެކެވެ.

މި ފިލްމު ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައި ވާއިރު އަކްޝޭގެ ދެ ފިލްމެއް ޑިޖިޓަލްކޮށް ވަނީ ޕްރީމިއާކޮށްފައިވެއެވެ. އެއީ މިދިޔަ މަހު ގެނެސްދިން "ބެލް ބޮޓަމް" އާއި މިދިޔަ އަހަރުގެ "ލަކްޝްމީ"އެވެ.

"ސޫރިޔަވަންޝީ" ނޮވެމްބަރުގައި ގެނެސްދޭން ނިންމި އިރު، ކުރިން އެ މަހު ގެނެސްދޭ ގޮތަށް އިއުލާންކޮށްފައި އޮތް އަކްޝޭގެ ފިލްމަކީ ޔާޝްރާޖް ފިލްމްސް ގެ ތާރީޚީ ބޮޑު ފިލްމު "ޕްރިތުވީރާޖް"އެވެ. މިހާރު ބެލެވޭ ގޮތުން އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުއެވެ.