ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު، އައްޑޫ ސިޓީ އަކީ ކޮންމެ އިންތިހާބަކާއި ގުޅިގެންވެސް ސިޔާސީ މީހުންގެ ލޯ އެންމެ ބޮޑަށް އަމާޒުވާ އެއްސިޓީއެވެ.

ހާއްސަކޮށް އިންތިހާބީ ދުވަސްވަރު ސިޔާސީ އެކިއެކި ފަރާތްތަކުން އައްޑޫ ސިޓީއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެންނާނެކަމަށް ބުނެ ދައްކަމުންދާ ފޮނި ހުވަފެންތަކުގެ ވާހަކައަކީ އެންމެން ދަންނަ ކުލަނުޖެހުނު ހުވަފެނެއްގެ ވާހަކައެވެ.

ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތާއި ކުޅިވަރުކުޅޭނެ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދޭނެކަމަށް ބުނެ ވަމުންދާ ވައުދުގައި އަޅުގަނޑުމެންގެ ހިތްތަކުގެ ފިނިކަން ކަމުގައިވާ ‘ކުޑަކުދިން’ މި ވަނީ ބާކީވެފައެވެ. އެކުދިންގެ ހިތްހަމަޖެހުމަށާއި، އުފާވެރިކަމަށްޓަކައި ކުރާ މަސައްކަތްތަކަކީ ފަސް އިނގިލިން ގުނާލެވޭނެހާ މަދު ކަންތައްތަކެއްކަން މިއީ ދޮގުކުރެވޭނެ ކަމެއްނޫނެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެތައް ރަށެއްގައި ކުޑަކުދިންނަށް ހާއްސަ ޕާކުތަކާއި މައިޒާންތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސުވާލަކީ މިފަދަ ޕާކުތަކާއި މައިޒާންތައް ބިނާކުރުމުން އެ ފުދުނީތޯއެވެ؟ މިތަންތަން ބެލެހެއްޓުމާއި، މަރާމާތުކުރުމުގެ ޒިންމާ އާއި ދެން ހަވާލުވާން ޖެހޭނީ އާންމު ރައްޔިތުންތޯ އެވެ؟

ކަންކަމާއިމެދު ވިސްނާ ކޮންމެ މީހަކަށް މިއީ މިކަންވާންޖެހޭ ގޮތް ނޫންކަމުގައި ގަބޫލުކުރެވޭނެކަން ޔަގީނެވެ.

އައްޑޫ ސިޓީގައިވެސް މިފަދަ ޕާކުތަކާއި މައިޒާންތައް އެބަ ހުއްޓެވެ. އެހެންނަމަވެސް ސަރުކާރުގެ އެހީގައި އަޅާފައިވާ މިފަދަ ތަންތަނަށްވުރެ އާންމުންގެ ތެރެއިން ވަކި ފަރުދަކު ނުވަތަ ކުލަބު ޖަމިއްޔާއަކުން ހަދާފައިވާ ޕާކުތައް އައްޑޫގައި މާ ގިނައެވެ.

މީގެއިތުރުން މި ޕާކުތަކަކީ ސާފުތާހިރުކަމާއި ޕާކުގައި ހުންނަ އެކިއެކި ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ވަސީލަތްތަކެއްކަންވެސް ކަށަވަރު ކުރަންޖެހެއެވެ. އެންމެ ކުޑަކުއްޖަކަށްވެސް ލިބޭ ކުޑަކުޑަ އަނިޔާ އަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ބަލައިގަންނަން ދަތިކަމަކަށް ވާނެއެވެ.

ހަގީގަތުގައި އައްޑޫ ސިޓީގެ އެއްވެސް ރަށެށްގައި، ކުޑަކުދިން ހިތްއުފާކޮށްލުމަށްޓަކައި ދާނެ އެއްވެސް ތަނެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.. މީގެ އެތަށް އަހަރުތަކެއް ކުރިން ހަދާފައިވާ ޕާކްތައް މި ވަނީ ވިރާނާވަފައެވެ. ކައުންސިލްތަކުން ޕާކުތަކުގައި ބެހެއްޓި ކުޑަކުދިންގެ ސާމާނުތައް މިވަނީ އެތަންތަން އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެފައެވެ. ބައެއް އަވަށްތަކުގައި ބަހައްޓާފައިވާ ސަމާންތައް ހަލާކުވެ އެތަކެތި މިހާރު ވަނީ ކުދިންނަށް ބޭނުންނުކުރެވޭ ވަރަށް އަދި އެތަކެތި ބޭނުންކުރުން ރައްކާތެރިކަމާމެދު ސުވާލު އުފެދޭވަރުވެފައެވެ.

މީއީ އެންމެ މީހެއް ދެމީހެއްގެ ޝަކުވާއެއް ނޫނެވެ. މިއީ މުޅި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ޝަކުވާއެކެވެ. އެމީހުންގެ ދަރިން ގޮވައިގެން ހަވީރު ހިނގާލަންދާނެ ތަނެއް، އުފާކޮށްލަންދާނެ ޕާކެއް ނެތްކަމީ އެންމެ ބޮޑު ޝަކުވާއެވެ. ވީނިއުސް އާއި ވާހަކަދައްކަމުން އައްޑޫ ސިޓީގެ ރަށަކަށް ނިސްބަތްވާ ރައްޔިތަކު، ނަން ހާމަ ނުކުރުމަށް އެދި ވަނީ އޭނާގެ ހިތުގެ އުދާސްތައް ކިޔައިދީފައެވެ.

"އަބަދުވެސް މިކިޔަނީ ކޮންމެސް އައުޓްޑޯ ޖިމެއް ނޫނީ ފުޓުބޯޅަ ދަނޑެއް ނޭޅިގެން އުޅޭ ވާހަކަ. އެއީވެސް ކުރަންޖެހޭނެ ކަންކަން. އެކަމަކު ޒުވާނުންނަށް އެފަދަ ވަސީލަތްތައް ގާއިމް ކޮށްދޭއިރު މައެއްގެ ހައިސިއްޔަތުން ސުވާލު އުފެދޭ ކޮންއިރަކުންތޯ ކުޑަކުދިންނަށްޓަކައި ކޮންމެވެސް ވަސީލަތެއް ގާއިމް ކޮށްދޭނީ؟ ކޮންއިރަކުންތޯ ޕާކުތަކުގެ ވާހަކަދައްކާނީ؟ ކޮންއިރަކުތޯ އެ ތަންތަން ހަދައިދީ ކުދިންނަށް ރައްކާތެރި މާހައުލެއްގަ މަޖާކޮށްލުމުގެ ފުރުސަތު ލިބިގެންދާނީ؟"
އައްޑޫ ސިޓީ ރަށަކަށް ނިސްބަތްވާ ދެކުދިންގެ މަންމައެއް

ކުދިން ކުޅިވަރުކުޅެ އުފާކޮށްލަން ލިބޭ ވަގުތަކީ ހަމައެކަނި ސްކޫލްތަކުގައި ބާއްވާ އިތުރު ހަރަކާތްތަކުން ލިބޭ ވަގުތުކޮޅަށް ހަދާ ދޫކޮށްލެވޭކަށް ނެތެވެ. އެކުދިންގެ ސިކުނޑި ތަރައްޤީކޮށް ދުނިޔެއަށް ލޯ ހުޅުވާލަދީ، ސްކްރީންތަކުން ދުރުކުރުމަށްޓަކައި އެ ކުދިންނާއި އެއް އުމުރުފުރައެއްގެ އެހެން ކުދިންނާއެކު ސްކޫލުގެ ހަތަރު ފާރުން ބޭރުގައި ވަގުތު ހޭދަކޮށްލެވޭނެ ފަދަ ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

އައްޑޫގައި ކުޑަކުދިންގެ ޕާކުތަށް ޒާމާނާ އެއްގޮތަށް ތަރަގީކޮށް، އެކުދިނަށްވެސް އުފާވެރި ދިރިއުޅުމެށް ހޯދާދޭން އެބަޖެހޭއެވެ. މާދަމާގެ ޒުވާނުންކަމުގައިވާ މިއަދުގެ ކުޑަކުދިންނަށް އިހުމާލުވެގެން ދޫކޮށްލެވޭކަށްނެތެވެ. ކޮންމެ އިހުމާލަކީ އަނިޔާއެކެވެ.