ކަލާޒް ޓީވީން ކޮންމެ އަހަރަކު އެއްފަހަރު ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ޓީވީ ތަރި އަރްޖުން ބިޖްލާނީ ކާމިޔާބު ކޮށްފިއެވެ.

ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ރޯހިތް ޝެޓީ ހުށަހަޅާ މިޝޯ އަރުޖުން ކާމިޔާބުކުރީ ފައިނަލްގައި ދިވްޔަންކާ ތުރިޕާޓީ އަދި ވިޝާލް އަދިތުޔާ ސިންގް އާ ވާދަކޮށްގެންނެވެ.

މިފަހަރުގެ ޝޯގެ ބައިވެރިންގެ ތެރޭގައި "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނައަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިޔަ، ތިން ވަނައަށް ދިޔަ ތަމަޅަ ފިލްމީ ބަތަލާ ނިކީ ތަމްބޯލީ، އެކްޓަރު އަބިނާވް ޝުކްލާ އާއި "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް، އަރުޖުން ބިޖްލާނީ، ދިވްޔަންކާ ތުރިޕާޓީ، ޝްވޭތާ ތިވާރީ، ސޯރަބް ޖެއިން، އަނުޝްކާ ސެން، ލަވަކިޔުންތެރިޔާ އާސްތާ ގިލް، "ބިގް ބޮސް 5" ގެ ދެވަނަ ހޯދި މަހެކް ޗެހަލްގެ އިތުރުން އެމްޓީވީގެ "ރޯޑީޒް" އިން ވިދާލި ވަރުން ސޫދު އަދި ޓީވީ ތަރި ސަނާ މަކްބޫލް ހިމެނެއެވެ.

ޚަތްރޯންކޭ ކިލާޅީ އަކީ އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ" ގެ އަސްލަކަށް ބަލައިގެން އިންޑިޔާއިން ގެނެސްދޭ ޝޯއެކެވެ.

މަޝްހޫރު ތަރިން ހިމަނައިގެން ގެނެސްދޭ މި ޝޯގައި ނުރައްކާތެރި ބިރުވެރި ސްޓަންޓްތައް ހަދަން ބައިވެރިންނަށް މަޖްބޫރުވެއެވެ.

ބޭރު ޤައުމެއްގައި ކޮންމެ ސީޒަނެއްވެސް ޝޫޓްކޮށްގެން ގެނެސްދޭ އިރު، މިދިޔަ އަހަރު ބަލްގޭރިއާއިން ގެނެސްދިން "ޚަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ބަތަލާ ކަރިޝްމާ ތަންނާއެވެ.

އެ ޝޯއަށް ފަހު "ޚަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ގެ ނަމުގައި އިންޑިޔާގެ ނަމުގައި ޑައިރެކްޓަރ ފަރަހް ޚާނާއި ރޯހިތް ޝެޓީ ވަނީ ގެނެސްދީފައެވެ. މި ޝޯވ ކާމިޔާބު ކޮށްފައިވަނީ ޓީވީތަރި ނިއާ ޝަރްމާއެވެ.

މިފަހަރުގެ ޝޯވ ކާމިޔާބުކުރުމުން އަރުޖުންއަށް ވަނީ 20 ލައްކަ އިންޑިއަން ރުޕީސްގެ އިތުރުން ކާރެއްވެސް ލިބިފައެވެ.

ކޮންމެ އަހަރަކުވެސް ޝޯވ ކާމިޔާބުކުރާ ފަރާތަކަށް ފައިސާގެ އިނާމަކާއެކު އަގު ބޮޑު ކާރެއް އެހެން ނޫނީ ކޮންމެވެސް ބްރޭންޑެއްގެ ސައިކަލެއް ލިބެއެވެ.

މިފަހަރުގެ ސީޒަންގައި ދިވިޔަންކާއަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބިފައި ވަނީ ވިޝާލަށެވެ.

"ހަތުރޯން ކޭ ކިލާޅީ 11" މިފަހަރު ގެނެސްދީފައި ވަނީ އެފްރިކާގެ ކޭޕްޓައުން އިންނެވެ.