ސިފައިންގެ ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގެނައީ މިއަދު މެންދުރު 13:00ގައި ކަމަށެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނެގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ސުލްތާން ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ސުލްތާން ނިޔާވެފައިކަން އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

ސުލްތާނުގެ ޖަނާޒާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. އަދި ސުލްތާނުގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އުމުރުން 22 އަހަރުގެ ކޯޕްރަލް މުޙައްމަދު ސުލްޠާން އއ.ހިމަންދޫ ރޯޒްމީޑް ސިފައިންގެ އާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު،އެވެ.

ސުލްޠާން ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާރިޗް 1 އިން 2024 ވަނަ އަހަރުގެ މާރިޗް 15 އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓްކޯހެކެވެ.

މުޙައްމަދު ޞުލްޠާން އިބްރާހީމް ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.