މެޑިކަލް ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ މަޝްވަރާކުރައްވައިފިއެވެ.

މެޑިކަލް ކައުންސިލްތައް ހިންގުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ނައިބު ރައީސްއާ ހިއްސާކުރެއްވީ ހެލްތް މިނިސްޓްރީގެ އިސްވެރިންނާ، އެމިނިސްޓްރީގެ ދަށުން ހިންގާ ކައުންސިލްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ވަނީ ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ހައްލުކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ.

މެޑިކަލް ކައުންސިލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިން ވަނީ ސއްހީ ދާއިރާއިން މީހުން ބިނާކުރުމާއިއެކު އެދާއިރާގައި ތަމްރީންވާ މީހުން ވަޒީފާތަކުގައި ހަރުލެއްވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި، ސިއްހީ ދާއިރާގެ ތަމްރީން ތަކަށް ބޭނުންވާ ކުދިން ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެކަންކަމާއި ސްކޫލް ދައުރުން ފެށިގެން ސއްހީ ދާއިރާގައި މަސައްކަތްކުރުމަށް ކުދިން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރަމުންދާ މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާދަތިތައް ހައްލުކުރުމަށް މަޝްރަވާކޮށްގެން ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު ކަމުގައި ފާހަގަކުރައްވާފައެވެ.

ސަރުކާރުން ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުރު ރާސްތާ ޕްލޭނާ އެކުއެކީ މެދުރާސްތާ ޕްލޭނެއް ކުރިޔަށް ގެންދަން ޖެހިފައިވާކަމުގައި ވިދާޅުވެފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުސްތަފާ ލުތުފީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާޙް އަބްދުﷲ މާހިރުގެ އިތުރުން މެޑިކަލް ކައުންސިލާއި، ނަރސިންގ ކައުންސިލާއި، އަދި އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.