ކުރީގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ "ބެޔަސް ނުބެޔަސް" ވައުދު ފުއްދުމުގެ ކަންކަން ކުރިއަށްގެންދިޔައީ "ފޮތިގަނޑުގައި" ލިޔެފަ އޮތްގޮތަށް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ "ބެޔަސް ނުބެޔަސް" ވައުދު ފެއިލްވީ ކީއްވެގެންތޯ ބެލުމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ އެކަން ތަންފިޒު ވެގެންދިޔައީ މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް ނޫން ކަމަށެވެ.

ފޮތިގަނޑުގައި ލިޔެފަ އޮތީ ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް ދިހަހާސް ރުފިޔާ ލިބޭނެ ކަމަށާއި ނަމަވެސް އެކަން ތަންފީޒު ކޮށްފައިވަނީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސާލަކަަށް 75 ފޫޓުން މަތީގެ ދޯނިފަހަރުގެ ކޮންމެ ފަޅުވެރިއަކު ހަހާސް ރުފިޔާ ދައްކަންޖެހޭ. އެއީ އިންޝުއަރެންސް އެއް. އެ މީހުން ދެއްކީމަ ދެން އިންޝުއަރެންސް ސްކީމުން ބެޔަސް ނުބެޔަސް ދޭންޖެހޭ ލާރިއެއް ދޭގޮތަށް އޮތީ. އެހެންވީމަ ފޮތިގަނޑުގަ ލިޔެފަ އޮތް ގޮތަކަށް ނޫން ހިތާމަޔާއެކު ދައްނަވަންޖެހޭނީ އެކަން ތަންފީޒުކުރުމަށް މިނިސްޓްރީން ނެރުނު ޕްރޮގްރާމުގައި އޮތީކީ."
ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން

ހޮރައިޒަން ފިޝަރީޒްއިން ހޯޑެއްދޫގައި ހަދަން ނިންމި ކާރުޚާނާގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ ފެކްޓްރީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވަނިކޮށް އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަރަށް ގިނަ ތަކެތި އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެތަނުގަ މިހާރު ހުރި އިންވެސްޓްމެންޓްތައް ފުރިހަމަކޮށް އެތަން އަލުން ހުޅުވުމަށްޓަކައި ގާތްގަނޑަކަށް ފަސްމިލިއަން ނުވަތަ ހަމިލިއަން ޑޮލަރު އިތުރަށް ބޭނުންވާ ކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިހާރު އިތުރަށް އިންވެސްޓް ކުރުމަށް ބޭނުންވާ ކެޕިޓަލް ތިމަންނާ މެންނަށް ހޯދުމަށް ބެންކުން ހޯދުމަށް ދަތިތަކެއް އެބަހުއްޓޭ. ދެން އަދި މަހުގެ އަގު ބާޒާރުގައި ހުރިގޮތުންނާއި އިންޓަރނޭޝަނަލް ބާޒާރުގައި މިދެންނެވި އަގުތައް ހުންނަ ގޮތުން އެ ކެޕިޓަލް އިންވެސްޓްކޮށްގެން އެކަން ކުރުމަށް ފުރުސަތު މިވަގުތު ތިމަންނާމެންނަކަށް އެހާ ތަނަވަސްކޮށެއް ނެތޭ."
ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު

އެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެ ކުންފުންޏާ މަޝްވަރާކޮށްގެން އެމަސައްކަތް ވީހާވެސް އަވަހަކަށް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.