ހުުޅުމާލެ ދެވަނަ ފިޔަވަހީގައި ފިއުލް ޝެޑަކާއިއެކު "އޮޓޮމެޓިކް ކާ ވޮޝް" ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނެއް ތަރައްޤީކޮށް ހިންގުމަށް ވިލާ ހަކަތައާ ހަވާލުކޮށްފިއެވެ.
ސެލްފް ސަރވިސް ފިއުލް ސްޓޭޝަނެއްގެ ގޮތުގައި ތަރައްޤީކުރާ މި ޝެޑް ތަރައްޤީކޮށް ނިންމުމަށް ދީފައިވަނީ 9 މަސް ދުވަހުގެ މުއްދަތެކެވެ.
މި ޝެޑް ވެގެންދާނީ ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ފިއުލް ސްޓޭޝަނާއި އޮޓޮމެޓިކުން ކާރު ދޮވެވޭ ފެސިލިޓީއަށެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އަދި ވިލާ ހަކަތައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސިޔާންއެވެ.
މި ފިއުލް ޝެޑު އަދި އޮޓޮމެޓިކް ކާރ ވޮޝް ފެސިލިޓިލީ ތަރައްޤީކުރުމަށް 7386 އަކަފޫޓުގެ ބިމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވިލާ ހަކަތައަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.
އެގޮތުން ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑްތައް މާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުށީގައިވެސް ވަނީ ޤާއިމްކޮށް އަދި މިހާރުވެސް އަންނަނީ އެތަންތަނުން ޚިދުމަތް ދެމުންނެވެ.