ޓުއަރިޒަމް ދުވަސް ފާހަގަކުރަން މާމިގިލީ އެއާޕޯޓުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއަދަކީ ރާއްޖޭގެ ޓުއަރިޒަމަށް 49 އަހަރު ފުރުނު ދުވަހެވެ. ކޮންމެ އަހަރަކުވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މާމިގިލީ އެއާޕޯޓްގައިވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

އެގޮތުން މިއަދު ވަނީ، މާމިގިލީ އެއާޕޯޓުން ފުރި ފަތުރުވެރިންނަށް، ދިވެހިރާއްޖޭގެ ސަގާފީ ބައެއް ކުޅިވަރުތައް ދައްކާލާފައެވެ. އެގިތުން، ބިންބި ތެޅުމާއި، ބޮޑުބެރު ފަދަ ކުޅިވަރުތައް އެއާޕޯޓުގައި ފަތުރުވެރިންނަށް ދައްކާލާފައިވެއެވެ.

ފަތުރުވެރިންނަށް ވެލްކަމް ޑްރިންކެއްގެ ގޮތުން ކުރުނބާވެސް ދީފައިވެއެވެ.

ރާއްޖޭގެ އިގްތިިސޯދު ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާއަތަށް 49 އަހަރު ފުރުނުއިރު މިދިޔަ އަހަރަކީ މި ސިނާއަތަށް ކަޅު އަހަރެކެވެ. އެހެންނަމަވެސް މަޑުމަޑުން މިސިނާއަތް މިހާރު އަންނަނީ ކުރިއަރަމުންނެވެ.

އެގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 843،552 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 399،174 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 1،219،453 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތްދޭ 882 ތަނެއް ހުޅުވާލާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 156 ރިސޯޓާއި، 582 ހޮޓަލާއި، 144 ސަފާރީއެވެ.