އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުމުގައި ފަނޑިޔާރަކު ކުރެއްވި ސުވާލަކަށް ދިން ޖަވާބުގައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ފާހަގަކުރެވިފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމަށް ގެންގުޅުނު ފްރަންޓެއްގެ ގޮތުގައި ކަމަށެވެ.

ވަކީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން ހުރީ ޗެކުތައް މެދުވެރިކޮށް، ޖަމާކުރި ފައިސާ އެކަނި ކަމަށާއި، އެނޫން ފައިސާ ދިޔަގޮތުގެ މަނީ ޓްރެއިލް ހޯދުން މުހިންމުކަމަށެވެ. އަދި އެކަމުގައި އުޅެފައިހުރީ އެސްއޯއެފްގެ މީހުން ކަމުން އެމީހުންގެ މައްޗަށް ދައުވާ ނުކޮށް އެމީހުންގެ އެހީތެރިކަން މިކަމުގައި ހޯދުމަށް ނިންމާފައިވާކަމަށެވެ.

ސަބަބަކީ އެކަން ކުރެވެން އޮތީ އެ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށް ދައުލަތަށް ގަބޫލުކުރެވޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ހިމެނޭ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފައެވެ.