ކޮވިޑް ބަލީގެ ފަރުވާއެއްގެ ގޮތުން އަނގައިދޭ ބޭހެއްގެ އަޖުމަ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފައިޒަރ ކުންފުނިން ބުނެފިއެވެ.

މިހާތަނަށް ކުންފުނިތަކުން ތަރައްގީކޮށް ބޭނުން ކުރަމުންދަނީ ކޮވިޑް ޖެހުމުގެކުރިންދޭ ވެކްސިން ނަމަވެސް، ފައިޒަރއިން ތަރައްގީކޮށްފައިވޭ ބޭހަކީ ކޮވިޑް ޖެހިފައި ތިބޭ މީހުންނަށް ދޭ ބޭހެކެވެ.

ކޮވިޑް ޖެހިފައި ތިބޭ މީހުންނަށް ދިނުމަށް ފައިޒަރއިން އަނގައިންދޭ ބޭހެއް ތަރައްގީކޮށް އޭގެ އަޖުމަ ބެލުމުގެ މަސައްކަތް ފެށިއިރު، ފައިޒަރއާ އެންމެ ވާދަވެރި ބޭސް އުފައްދާ ކުންފުނިތައް ކަމަށްވާ އެމެރިކާގެ މަރކް އެންޑް ކޯއާއި، ސްވިސް ބޭސް އުފައްދާ ކުންފުނި ރޮޝޭ ހޯލްޑިންގ އޭޖީންވެސް ގެންދަނީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ދިނުމަށް ބޭހެއް އުފެއްދުމަށް ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ.

މިއިން ކޮންމެ ކުންފުންޏަކުވެސް މަސައްކަތް ކުރަމުން ގެންދަނީ، ކޮވިޑް ޖެހުމުން ފަރުވާއެއްގެ ގޮތުގައި ދޭ ބޭސް އެންމެ ފުރަތަމަ އުފައްދާ ކުންފުންޏަށް ވުމަށެވެ.

ފައިޒަރއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ބޭހަށް އަދި ރަސްމީ ނަމެއް ދީފައެއް ނުވޭ،، ވަގުތީގޮތުން ކިޔަނީ "ޕީއެފް-07321332" އެވެ.

މި ބޭސް އަޖުމަ ބެލުމުގެގޮތުން ސިއްހަތު ރަނގަޅު، އުމުރުން 18 އަހަރުންމަތީގެ 2،660 މީހުންނަށް ދެވޭނެ ކަމަށް ފައިޒަރ ކުންފުނިން ބުނެފައިވެއެވެ.

ފައިޒަރއިން ތަރައްގީކުރި ބޭސް ދޭނީ އެޗްއައިވީ ޖެހިފައި ތިބޭ މީހުންނަށް މިހާރު ދިނުމަށް ބޭނުންކުރާ ރިޓޯނޮވިއަރގެ މަދު މިންވަރެއް ހިމެނޭ ޑޯޒަކާ އެކުގައި ކަމަށްވެސް ފައިޒަރ ކުންފުނިން ބުނެފައިވެއެވެ.

ކޮވިޑްޖެހި، ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހިތިބި ބަލިމީހުން ބޭނުންކޮށްގެން މި ބޭހުމުގެ އަޖުމަ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިމަހުގެ ކުރީކޮޅު ފައިޒަރ ކުންފުނިން ހާމަކޮށްފައި ވެއެވެ.

މަރކް އެންޑް ކޯއާއި، އެ ކުންފުނީގެ ޕާޓްނަރ ރިޖްބެކް ބަޔޯތެރަޕިއުޓިކްސް އިން މިމަހުގެ ކުރީކޮޅު ބުނެފައިވަނީ، އެދެ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ކޮވިޑްބޭސް "މޮލްނުޕިރެވިޔަރ" ގެ އަޖުމަ ބެލުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރްހަލާ ފަށާފައިވާ ކަމަށެވެ.