ފަރަންސޭސި ރައީސް އިމެނުއެލް މެކޯންގެ ގައިކޮޅުގައި ކުކުޅު ބިހަކުން ޖަހައިފިއެވެ.
ފަރަންސޭސި ސިޓީއެއް ކަމަށްވާ ލިއޯންގައި ކުރިއަށްދާ އިންޓަރނޭޝަނަލް ފޫޑް ޓްރޭޑް ފެއަރއަށް ޒިޔާރަތް ކުރައްވައި މީހުންގެ ތެރެއިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް މީހަކު އެއްލި ކުކުޅު ބިހެއް ޖެހުނީ މެކޯންގެ ވާތު ކޮނޑުފުޅުމަތީގައެވެ.
ނަމަވެސް ބިސް ތަޅައިގެން ނުދެއެވެ. ވިއްސައިގެންދިޔައީ ދުރަށެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
މީހަކު އެއްލި ކުކުޅުބިސް ފަރަންސޭސި ރައީސްގެ ކޮނޑުފުޅުގައި ޖެހުމާއެކު، ހަށިފާރަވެރިން ސަމާލުވެ ރައީސާ ގާތްވިތަން ވީޑިއޯއިން ފެނެއެވެ.
އަދި ރައީސާ ދިމާއަށް ކުކުޅުބިސް އެއްލި ފިރިހެންމީހާ ސަލާމަތީ އެހެން ދެ ގާޑަކުވެގެން ހިފަހައްޓައި ދުރަށް ގެންދާ މަންޒަރުވެސް ފެނެއެވެ.
މެކޯންވަނީ އެތަނުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާފައެވެ.
އޭނާ ވިދާޅުވީ "އޭނާ އަހަރެންގާތު ވާހަކައެއް ބުނަން ބޭނުންވަންޏާ އަންނަންވީ" ކަމަށެވެ.
ރައީސް އިމެނުއެލް މެކޯންއަށް ބިހުގެ ހަމަލާދިން މީހާއަކީ ކާކުކަމެއް އަދި އޭނާ އެކަންކުރީ ކީއްވެގެން ކަމާމެދު ފަރަންސޭސި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ފަރަންސޭސިވިލާތުގެ ދެކުނު-އިރުމަތީ ޑްރޯމީ ނަމަކަށް ކިޔާ ސަރަހައްދަކަށް މިއަހަރުގެ ޖޫންމަހު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަން އުޅުއްވި ވަގުތު، ރައީސް މެކޯންގެ ކަންކަށިމަތީގައި މީހަކު "ތަފާލެއް" ވެސް ޖަހާފައި ވެއެވެ.
މި މަންޒަރު ފެންނަ ވީޑިއޯވެސް ސޯޝަލް މީޑިއާގައި އާންމުވެގެންދިޔައެވެ.
ވީޑިއޯއިން އެނގުނުގޮތުގައި، ރައީސް މެކޯންގެ ކަންކަށިމަތީގައި ޖެހިމީހާ އެވަގުތު ދިޔައީ، ރައީސްގެ ސިޔާސަތުތަކަށް ފާޑުކިޔައި ހަޅޭލަވަމުންނެވެ.