މިހާރު އެންމެ ބޮޑަށް ޓްރެންޑްވަމުން އެންމެވެސް ކިޔަމުން އަންނަ އެއް ލަވައަކީ "މަނިކޭ މަގޭ ހިތޭ" އެވެ.

މި ކަޑި ދިވެހި އިބާރާތަކާ ވައްތަރުވިޔަސް މިއީ އަވަށްޓެރި ސްރީލަންކާގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ އެ ޤައުމުގައި ފިޔަޖަހަމުން އަންނަ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ޢުމުރުން 28 އަހަރުގެ ޔޮހާނީ ޑިލޯކާ ޑި ސިލްވާއެވެ.

މިލަވައިގެ ތަފާތު ވާރޝަން ތަކާއި މިއުޒިކްތައް މިހާރު ދިވެހިންގެ ތެރޭގައި އަންނަނީ އިވެމުންނެވެ. މި ލަވައިގެ މިއުޒިކްތައް ވެސް އެކި އެކި އިންސްޓްރުމަންޓްތައް ބޭނުންކޮށްގެން އަޑުއިވެމުންދެއެވެ.

އެގޮތުން މިވަގުތު ޔޮހާނީގެ ލަވަ އިންޑިޔާގައިވެސް ވަނީ މަޝްހޫރުކަން ހޯދާފައެވެ.

އަދި އޭނާގެ "މަނިކޭ މަގޭ ހިތޭ" އަށް ލިބުނު ތަރުހީބު ބޮޑުކަމުން، ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބައެއް ތަރިންވެސް މި ލަވައިގެ އަވާގައި ޖެހުނެވެ. އޭގެތެރޭގައި އަމީތާބް ބައްޗަން އާއި މަދޫރީ ޑިކްސިޓާއި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދްކޯނާއި ޓައިގާ ޝްރޮފާއި ރިތިކް ރޯޝަންފަދަ އެތައް ތަރިންނެއް ހިމެނެއެވެ.

މިހާތަނަށް ގާތްގަނޑަކަށް 100 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޔޮހާނީގެ ލަވަ ބަލާފައެވެ.

މަޝްހޫރުކަމާއި މަޤްބޫލުކަން އިތުރުވަމުން އަންނަ މިލަވައިގެ ފްލޫޓް ވާރޝަންއެއް މިހާރު އަނެއްކާވެސް އަންނަނީ ޓްރެންޑްވަމުންނެވެ.

އިންޑިޔާގެ މަޝްހޫރު ފްލޫޓިސްޓެއް ކަމުގައިވާ ޕީ.އެމް.ކޭ ނަވީން ކުމާރަށްވެސް މިލަވަ ރީތިވެ ލަވައިގެ ފްލޫޓް މިއުޒިކް ހަދައިފިއެވެ.

https://www.instagram.com/reel/CTMnc4loS1d/?utm_source=ig_web_copy_link

އަދި އޭނަ ވަނީ އިންސްތާގްރާމް މެދުވެރިކޮށް "މަނިކޭ މަގޭ ހިތޭ" ގެ ފްލޫޓް މިއުޒިކް ވާރޝަންއެއް އޭނަގެ ފޭނުންނަށް ދޫކޮށްލާފައެވެ.

ނަވީންގެ ފްލޫޓް ވާރޝަން ދޫކޮށްލުމާއިއެކު މިވާރޝަންވެސް ވަރަށް ބޮޑަށް ވައިގަ ހިފާ ތައުރީފްތައް އޮހެން ވަނީ ފަށާފައެވެ.

ނަވީންގެ ފްލޫޓް މިއުޒިކް މިހާތަނަށް 12000 ވިޔުސް ހޯދާފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިއުޒިކީ މިވާރޝަންއަށް ވެސް ބޮޑު ތަރުޚީބެއް އަންނަނީ ލިބެމުން ކަމުގައި ވަނީ ބުނެފައެވެ.

ނަވީން ކުމާރަކީ އިންޑިޔާގެ މިއުޒިކް އިންޑަސްޓްރީގައި 90 ގެ އަހަރުތަކުގައި މަޝްހޫރު ލަވަތަކަަށް ފްލޫޓް މިއުޒިކް ކޮމްޕޯޒްކޮށް ކުޅެފައިވާ ވަރަށް މަޝްހޫރު ފަންނާނެކެވެ. އޭނަގެ އެންމެ މަޝްހޫރުވި މިއުޒިކަކީ ބޮމްބޭ ތީމްސް އަދި ފިލްމް ކަލްހޯނަހޯގެ މިއުޒިކްއެވެ.

އޭގެފަހުން ނަވީން ވަނީ ވަރަށް ގިނަ ފިލްމްތަކަށް ފްލޫޓް މިއުޒިކް ތައްޔާރުކޮށްދީފައެވެ.

ނަވީން ވަނީ އިންޑިޔާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުން ކަމުގައިވާ އޭއާރު ރެހެމާން، އިލަޔަރާޖާ، ޕްރީތަމް، ޝަންކަރް އެހެސާން ލޯއީ، ސާޖިދް ވާޖިދް އަދި ސަލީމް ސުލެއިމާން ފަދަ މީހުންނާއިއެކު ބިޔަ ބޮޑެތި މަސައްކަތްތައްކޮށް ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ.

ނަވީން ކުމާރު އަންނަނީ "ނަވީން މިއުޒިކް ޕްރޮޑަކްޝަން"ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް ހިންގަމުންނެެވެ.