އެސްއޯއެފްއަށް ދައުވާ ނުކުރާން ނިންމުމުން ރައީސް ޔާމީންގެ މައްސަލަ ބާތިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަންވެސް ބޭނުންނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާތިލްވީ ކަމަށެވެ.

އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާތިލްވީ."
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެސްއޯއެފް ކުންފުންޏަކީ މިމައްސަލައެއް އުފެދުމުގެ ކުރިން މިމީހުން ދަންނަ ތަނެއްވެސް ނޫންކަމަށާއި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށްބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށެވެ. "އަޅުގަނޑާ ވަރަށް ސުވާލުކުރި. އަދީބަކީ ވަގެއްކަން ނޭނގޭ ހެއްޔޭ؟ އެމްޕީއެލްއިން ޑޮލަރު ގަންނަން ލާރި ނެގި ހިސާބުން އައި ރިޕޯޓެއް ނެރުނޭ ޓީވީ ރޭޑިއޯތަކުންވެސް ގޮވިއޭ އަޑެއް ނާހަންހޭ؟ ސުވާލު ކުރުމުން އަޅުގަނޑު ދެންނެވިން އަނދުން ހުސެއިން ނީވުނު އެއްޗެއް ވަކި އަޅުގަނޑަށް އިވޭނެހޭ. އަނދުން ހުސެއިންއަށް އެބައޮތޭ ރަނގަޅު ކަމަށް ސިޓީ ލިބިފައި."
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ސަލީމް ވިދާޅުވީ އެމްއެޕީއާރްސީގެ 35 މިލިއަނެއްގެ ވާހަކަވެސް އެބަދެކެވޭ ކަމަށާއި އޭގެ 3 ހަތަރު ކަޅު ދަބަސް ގެންދިޔަ ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި އެދަބަސް ހިފައިގެން ދިޔަތަން ދުށްމީހުން އެބަތިބި ކަމަށެވެ.

މަޖިލީހުގައި ޕީޕީއެމް މީހުން ވޯޓުދެނީ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ގޮތަށް ކަމަށާއި ސަރުކާރުގެ ބިލްތަކަށް ސަރުކާރުން ބޭނުންވާގޮތަށް ވޯޓުދޭއިރު ރިޝްވަތުގެ ފައިސާ ނަގާކަށް ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން ކޯލިޝަންގެ ލީޑަރޝިޕުން ރައިސް ސާލިހާއި ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަކުރެއްވި ކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ސަރުކާރުން ހުށައެޅީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށާއި އަދި އޭރުން ސަލާމަތްވާނެ ކަމަށް ބުނި ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.