ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ، ކުރީގެ ހާލަތަށް ރުޖޫއަވެވޭނެ ކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ސިވިލް ސާވިސް މުވައްޒިފުންގެ ކަނޑާލި އެލަވަންސް ދެވޭނެ ތާރީހެއް ސާފުކުރުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ލިޔުމުން ޖަވާބު ހޯދުމަށް ދެންނެވުނު ސުވާލުގެ ޖަވާބުގައެވެ.

މެމްބަރު ކުރެއްވި ސުވާލުގައިވަނީ، 2020 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސްއާ ޕަރފޯމަންސް އެލަވަންސް ދިނުން ހުއްޓާލާފައިވާތީ އެ އެލަވަންސް ދެއްވަން ފައްޓަވާނެ ތާރީޚަކާއި އެލަވަންސް ލިބޭއިރު ފާއިތުވެގެންމިދާ ދުވަސްތައް ހިމަނުއްވާނެތޯއެވެ.

މި ސުވާލު ފިނޭންސް މިނިސްޓަރަށް މެމްބަރު ފޮނުވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް-19 އާއެކު ދިމާވި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ހީނަރުކަމާއެކު، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ.

އަދި މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓަޖީ 2024–2022 ގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކޮވިޑްގެ ހާލަތުން އަރައިގަނެވި އާންމު ހާލަތަކަށް ރުޖޫޢަވެވެންދެން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންގެންގޮސް އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިއޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚަރަދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުޑަ ކުރެވެން އޮތީ ޚަރަދު ކުރުމަށް ޑިސްޕެޝަނަރީ ޚަރަދުތަކަށް. އެގޮތުން މިދިޔަ އަހަރު މުވައްޒަފުންނަށް ކުރާ ޚަރަދުވެސް ހިމެނޭހެން ގިނަ ދާއިރާތަކަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު ވާނީ އަޅާފަ."
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މުވައްޒަފުންގެ ޕްރޮމޯޝަން އަކީ ކޮވިޑް-19 އާއެކު ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލާފައިވާ އެލަވަންސެއް ކަމަށާއި، އެގޮތުން އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތަޢުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕަރފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަޑާލެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިގުތިސާދީ ގޮތުން ދިމާވި ދަތި ހާލަތުން އަރައިނުގަނެވުނު ނަމަވެސް، ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ އެދުމުގެމަތިން ސެޓިފިކެޓް އެލަވަންސް މިހާރު ވަނީ އަލުން ދޭން ފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕާފޯމަންސް އެލަވަންސް އަދި ދޭންފަށާފައިނުވާއިރު، މި އެލަވަންސް އަލުން ދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގޮސް، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުންކަމަށް ފެންނަ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަންކަން ތަންފީޒުކުރާނެ ގޮތް އެކުލަވާލުމުގެ އިތުރަށް ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުން ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ގެއްލިގެންދިޔަ އާމްދަނީއަކީ މުސްތަގުބަލުގައިވެސް ދައުލަތައް ލިބޭނެ އާމްދަނީއެއް ނޫންކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ޚަރަދާއި ޑެފިސިޓް ބެހެއްޓުމަށް އެޅި ފިޔަވެއްގެ ގޮތުން ހުއްޓާލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިރު، އެ އެލަވަންސް ނުލިބިދިޔަ ދުވަސްތައް ހިމަނަން ފެނިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއެކު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރު ކުޑަވި ނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން މަދު ނުކޮށް، މުސާރައިން އުނިނުކޮށް، ދައުލަތުގެ ޚަރަދުތައް މެނޭޖް ކުރެވުމަކީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި ފޮހެވިގެންދިޔަ އަހަރެއްގައި، ލިބުނު ކާމިޔާބީއެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް މި ފަދައިން މެނޭޖްކުރުމާއެކު ދައުލަތުގެ ދަރަނި އިތުރުވެފައިވާތީ، މި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރަގަނެވުނަސް ކުރިއަށް ގެންދާންޖެހޭ. ކޮވިޑް-19 އާ ގުޅިގެން ސިއްހީ އަދި އިގުތިސާދީ ދާއިރާތަކަށް ސަރުކާރުން އިތުރަށް ކުރަންޖެހުނު ޚަރަދުތަކާއި ގުޅިގެންނާއި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދިއުމާއި ގުޅިގެން އުފެއްދުންތެރިކަމުގެ ނިސްބަތުން ފިސްކަލް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުކޮށްފަ. އަދި ޑެފިސިޓާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް އަނބުރާ ގެންދިއުމަށް، އެފިޝަންސީ އިތުރުކޮށްގެންނާއި ސިޔާސަތުތަކަށް ބަދަލުގެނެސްގެން ކުޑަކުރެވެން ހުރި ޚަރަދުތައް ކުޑަކޮށް، އެކި ދާއިރާތަކުން ޚަރަދު އިތުރުވާ ނިސްބަތް އާމްދަނީ އިތުރުވަމުންދާ ނިސްބަތާއި އެއް ހަމައެއްގައި ނުވަތަ އެއަށްވުރެ ދަށުގައި ބަހައްޓަން މަސައްކަތްކުރަން ޖެހޭ."
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަދި އައު ކަންކަމަށް ޚަރަދު ކުރަން ނިންމާއިރު، ކަންކަން ޕްރިއޮރިޓައިޒްކޮށް ޚަރަދުތައް ބަހާލައިގެން ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމުގައި ޔަގީންކުރައްވާ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.