މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެފައިސާ ބެހި އެސްއޯއެފް އަށް ދައުވާ ނުކުރަން ނިންމާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕިޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން އެއްވެސް އިރެއްގައި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ ޓްރާންސެކްޝަންއާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ދަންނަވާފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް އެހެނިހެން ދައުވާތައް އުފުލޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

މި ނިންމުމަކީ ޕީޖީ ހުސައިން ޝަމީމް މަގާމާ ހަވާލުވުމުގެ ކުރިންވެސް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުން ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި ކުށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިރު، ރ. ފުއްގިރި މައްސަލާގައި، މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް މައްސަލައިގެ އަޑުއެހުންތައް ވަނީ މިހާރު ފަށާފައެވެ.

ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުމުގައި ފަނޑިޔާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ފާހަގަކުރެވިފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމަށް ގެންގުޅުނު ފްރަންޓެއްގެ ގޮތުގައި ކަމަށެވެ.

އަދި، ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން ހުރީ ޗެކުތައް މެދުވެރިކޮށް، ޖަމާކުރި ފައިސާ އެކަނި ކަމަށާއި، އެނޫން ފައިސާ ދިޔަގޮތުގެ މަނީ ޓްރެއިލް ހޯދުން މުހިންމުކަމަށެވެ. އެހެންކަމުން، އެކަމުގައި އުޅެފައިހުރީ އެސްއޯއެފްގެ މީހުން ކަމުން އެމީހުންގެ މައްޗަށް ދައުވާ ނުކޮށް އެމީހުންގެ އެހީތެރިކަން މިކަމުގައި ހޯދުމަށް ނިންމާފައިވާކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.