ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ މުސާރަ 5 އިންސައްތައާއި، 20 އިންސައްތައާ ދެމެދުގެ އަދަދެއް ބޮޑުކުރަން އެކުންފުނީގެ މެނޭޖްމެންޓުން ނިންމާފައިވާކަމަށެވެ.

އެގޮތުން އެންމެ މަތީ ލެވެލްގެ މުވައްޒަފުންގެ މުސާރަ ފަސް އިންސައްތަ ބޮޑުވާއިރު، ބިދޭސީ ސީނިއާ އެއްވެސް މުވައްޒަފެއްގެ މުސާރަ ބޮޑުކުރަން ހަމަޖެހިފައި ނުވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ބުނީ ކޮވިޑްގެ ދަތި ހާލަތުގައިވެސް ކުންފުނީގެ މުވައްޒަފުން ވިޔަފާރި މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، މުސާރަ ބޮޑުކުރަން ނިންމީ މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ، މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި މާކެޓް ރޭޓްތަކަށް ބަލާ ކަމަށެވެ. އަދި މުސާރައިގެ އިތުރުން ހެލްތު އިންޝޫރަންސް އާއި ދަތުރުފަތުރުގެ ހަރަދު، ހިލޭ ޕާކުކުރުން، ސްޓާފް ލޯން، ދަރިންގެ ލޯނު، ސްޓާފް ޑިވެލޮޕްމަންޓް ސްކީމްވެސް ކުރިޔަށް ގެންދާ ކަމަށެވެ.