ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދިއިރު ޕީއެސްޖީގެ ޖާޒީގައި ލިއޮނެލް މެސީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފިއެވެ.

މިއީ ބާސެލޯނާ ދޫކޮށް މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ގައި ޕީއެސްޖީ އަށް ބަދަލުވިފަހުން މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ބާސާ ނޫން ކުލަބަކަށް އޭނާގެ ކެރިއަރުގައިވެސް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުން ޕީއެސްޖީ މޮޅުވިނަމަވެސް މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގެ ޕޮޒެޝަން އިންސައްތައިގެ 54 އިންސައްތަ ސިޓީން ކޮންޓްރޯލް ކުރިއިރު ޖުމްލަ 18 ހަމަލާއެއް އެޓީމުން ވަނީ އުފައްދާފައެވެ. ޕީއެސްޖީން އުފައްދާފައިވަނީ 6 ހަމަލާއެކެވެ.

މެޗުގައި ޕީއެސްޖީން ވަނީ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. ފުރަތަމަހާފުގެ 8 ވަނަ މިނެޓުގައި މިލަނޑު ޢެޓީމަށް ކާމިޔާބުކޮށްދިނީ އިދްރީސާ ގާނާ ގޭއި އެވެ.

ޕީއޭސްޖީ އަށް ލީޑު ފުޅާކޮށްދިން ލަނޑު މެސީ ކާމިޔާބުކުރީ ދެވަނަ ހާފުގައި މެޗުގެ 74 ވަނަ މިނެޓުގައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބެއް ކޮޅަށް މެސީ ޖެހި 27 ވަނަ ލަނޑެވެ.

ބްރޫޖް އާއި ލައިޕްޒިގް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން މި ގުރޫޕުގައި ދެން ހިމެނޭ ކްލަބއ ބްރޫޖް އިންވަނީ އާރްބީ ލައިޕްޒިގުގެ މައްޗަށް ކުރިހޯދާފައެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗު ބްރޫޖް އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ލައިޕްޒިގުންނެވެ. ފުރަތަމ ހާފުގެ 5 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފަރ އެންކުންކޫ އެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރޫޖް އިންވަނީ 2 ލަނޑުޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

މިހާފުގެ 22 ވަނަ މިނެޓުގައި ހެނަކެން ބްރޫޖް އަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު 41 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެޓްސް ރިޓްޒް އެވެ.

މިނަތީޖާ ތަކާއެކު މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ދެމެޗުން 4 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބްރޫޖް ވެސް އޮތީ ހަމަ ދެމެޗުން މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. ޕީއެސްޖީ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ތިންވަނައިގައި ސިޓީ އޮތީ 3 ޕޮއިންޓާއެކުއެވެ. ފުލުގައި ލައިޕްޒިގް އޮތީ ޕޮއިންޓެއް ނުލިބިއެވެ.