ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗްޑޭ-1ގެ ޓީކެޓުތައް މިއަދު ވިއްކަން ފަށާއިރު ޓިކެޓު ވިއްކާނީ ކޮންމެ މީހަކަށް ފަސް ޓިކެޓުގެ ރޭޓުންކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

ކޮންމެ މެޗްޑޭ އެއްގެ ކުރިން އެ މެޗުޑޭ އެއްގެ ޓިކެޓު ވިއްކާގޮތަށް ނިންމާފައިވާއިރު މުބާރާތުގެ ފުރަތަމަ ދުވަހުގެ ޓިކެޓްތައް ވިއްކަން ފަށަން ނިންމާފައިވަނީ މިއަދު. އެއީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ އިތުރުން އެރޭ ރާއްޖެއިން ނޭޕާލާއި ދެކޮޅަށް ނުކުންނަ މެޗުގެ ޓިކެޓެވެ.

އެފްއޭއެމް އިން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މެޗުގެ ޓިކެޓް ގަންނަންދާ ފަރާތްތަކަށް ޓިކެޓު ވިއްކާނީވެސް އަދި މެޗުބަލަން ދަނޑަށް ވަދެވޭނީވެސް ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޓިކެޓް ގަންނަންދާ ފަރާތްތަކުގެ އިތުރުން ކޮންމެ ޓިކެޓަކަށް ވާވަރަށް އައިޑީ ކާޑާއި ވެކްސިން ކާޑު ގެންނަން ޖެހޭނެކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދިންނަށްވެސް ދަނޑަށް ވަދެވޭނެ ކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް ދަނޑަށް ވަދެވޭނީ ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުއްޖެއްކަން ސާބިތުކޮށްދޭނެ ލިޔުމެއް (އައިޑީކާޑު) ހިފައިގެން އައުމުން ކަމަށެވެ.

ރައްކާތެރިކަމަށް އެފްއޭއެމް އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މުބާރާތުގެ ކޮންމެ މެޗްޑޭ އެއްގެ ޓިކެޓުވެސް ވަކިން ވިއްކާއިރު ކޮންމެ މެޗެއްގެ ޓިކެޓުވެސް ވިއްކުމަށް ކަނޑައަޅާފައިވަނީ ވަކި ކައުންޓަރަކުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކުޅޭ ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓުތައް ނިއުރޭޑިއެންޓް ސަޕޯޓަރުން ތިބޭ ފަޅީގެ ފުރަގަހަށް އިންނަ ކައުންޓަރުން (ސިޑިބަރި ކައުންޓަރު) ވިއްކާއިރު ރާއްޖެ ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ކައުންޓަރުންނެވެ.

މީގެއިތުރުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޓިކެޓުގައި ހާއްސަ ސެކިއުރިޓީ ފީޗާސް ތަކެއް ހިމަނާފައިވާއިރު އެއްވެސް މެޗެއްގެ ހާފް ޓައިމުގައި ދަނޑުން ބޭރަށް ނުނިކުމެވޭނެކަން އެފްއޭއެމް އިން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގެ މެޗުތަކަށް ޓިކެޓުވިއްކުން މިއަދު 14:00 ގައި ފަށާއިރު ގޮނޑިބަރިން 100 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު ސިޑިބަރިން ޓިކެޓެއް ވިއްކާނީ 75 ރުފިޔާ އަށެވެ.

މެޗުތަކުގެ ޓިކެޓް މިއަދު ފަށާއިރު މިއަދު ޓިކެޓް ވިއްކާނީ 14:00 އިން ފެށިގެން ރޭގަނޑު 23:00 އާއި ހަމައަށެވެ. އަދި ބުރާސްފަތި ދުވަހުވެސް މެޗްޑޭ-1 ގެ ޓިކެޓު ވިއްކާއިރު އެދުވަހު ޓިކެޓު ވިއްކާނީ ހެނދުނު 10:00 އިން އިރުއޮއްްސި 18:00 އަށް އަަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.