ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން 13 ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް ލަދުވެތި ބައްޔަކުން ބަލިވިއިރު އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާން އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަރުގަދަ ރެއާލް މެޑްރިޑް ބަލިވީ މުޅިން އަލަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވި ޝެރިފް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓިމުން ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް 13 ހަމަލާއެއް އުފައްދާފައެވެ. އަދި މުޅި މެޗުގައި ޖުމްލަ 31 ހަމަލާއެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވިފައިވަނީ އެންމެ 11 ހަމަލާއެވެ. މުޅި މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓު ކުރީވެސް ރެއާލް އެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޝެރިފް އިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަސުރްބެކް ޔަކްޝިބޮއޭވެވެ.

ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 20 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ. މި މެޗުގައި ޖެހި ލަނޑާއެކު ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައި ޖުމްލަ 72 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ހަތަރުވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ދެވަނަ ފަހަރަށް ޝެރިފް އަށް ލީޑުނަގައިދީ މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ސެބަސްޓިއަން ތިލް އެވެ.

އިންޓާ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ރެއާލް ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނޭ އިންޓާ މިލާން އާއި ޝަޚްތަރު ޑޮނެޓްސްގެ ކުރިމަތިލުން ވީ އެއްވަރެވެ. ޝަޚްތަރުގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިނަތީޖާ ތަކާއިއެކު މި ގުރޫޕުގެ އެއްވަނައިގައި ޝެރިފް އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްގެން 6 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރެއާލް ދެމެޗުން 3 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އަދި ހަތަރު ވަނައިގައި އޮތީ އިންޓަރ އާއި ޝަޚްތަރު އެވެ.