ކައުންސިލް އިދާރާތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ސެކްރެޓަރީ ޖެނެރަލުން ހޯދަނީ ހަތްދިހަ ހަތަރު ރަށެއްގެ ކައުންސިލުތަކަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ނެރުނު އިއުލާނުގައިވެއެވެ.
އެސްޖީން ހޯދުމަށް ކޮމިޝަނުން މީގެ ކުރިން އިއުލާން ކުރިނަމަވެސް ބައެއް ކައުންސިލްތަކަށް އަދިވެސް އެސްޖީން ކުރިމަތިލާފައި ނުވެއެވެ.
އެ ކޮމިޝަނުން ބުނީ އެ މަގާމަށް އެސްޖީން އައްޔަން ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާއިރު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބިގެން ދާނެއެވެ.
އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމެވެ.
ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަނާއި ގަވާނަންސް އަދި އާބަން ސްޓަޑީސް އާއި ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައި ވާންޖެހެއެވެ.
ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން ތިން އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ.
އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ.
ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.