އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުޅޭ ސާފް ޗެމްޕިއަންޝިޕަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ދިވެހިންނަށް ހާއްސަ މުބާރާތެކެވެ.

ފުރަތަމަ ފަހަރަށް ހަމައެކަނި ދިވެހިރާއްޖެގައި މި މުބާރާތް ބޭއްވުމުގެ ބޮޑު ޒިންމާއާއި ޝަރަފާއެކު މުބާރާތަށް ދިވެހި އެފްއޭއިން ތައްޔާރުވަމުން ދިޔައީ ފޮނި ހުވަފެންތަކަކާއި އެކުއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ރައީސް ޞާލިޙް ފައްޓަވައިދެއްވަނީ- ފޮޓޯ:- ރައީސް އޮފީސް

މުބާރާތަށް ހާއްސަ ކެމްޕެއިންއެއް އިފްތިތާހުކޮށް މުބާރާތުގައި ހާސިލްކުރަން ބޭނުންވާ މުހިންމު ތިން މަގުސަދެއް ކަނޑައަޅާ، މި މަގުސަދުތައް ހާސިލުކުރުމުގެ ފޮނި އުންމީދާއި އެކު، ލިބިފައިވާ މަދު ދުވަސްކޮޅުގެ ތެރޭގައި އެފްއޭއެމްއިން މަސައްކަތް ކުރަންފެށި މިމުބާރާތް ދިވެހި ގައުމީ ޓީމުން ކާމިޔާބު ކުރުމުގެ ފޮނި އުންމީދާއި އެކުއެވެ.

މުބާރާތް ފެށުމަށް މިވަނީ ގާތް ގަނޑަކަށް 48 ގަޑިރަށް ވެފައެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ނުކުންނައިރު ދިވެހިންގެ ފަހުރު ކަމުގައިވާ ގައުމީ ޓީމު އެރޭ 21:00 ގައި ނޭޕާލާއި ދެކޮޅަށް ނުކުންނާނެއެވެ.

މިމެޗުތަކަށް ޓިކެޓު ބުދަ ދުވަހު (މިއަދު) ވިއްކަން ފަށާފައިވާއިރު ރާއްޖެ ކުޅޭ މެޗުތަކުގައި ދިވެހި ސަޕޯޓަރުންނަށް ވިއްކާނީ 80 އިންސައްތަ ޓިކެޓެވެ. އެއީ ގަވައިދުގައި ވާގޮތުން އަވޭ ޓީމުގެ ސަޕޯޓަރުންނަށް 20 އިންސައްތަ ޓިކެޓު ދިނުން މަޖުބޫރުވާތީއެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 5 ގައުމެއް ވާދަކުރާއިރު އެއީ ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް، ނޭޕާލްގެ އިތުރުން ސްރީލަންކާއެވެ.

މި 4 ގައުމަކީވެސް އެގައުމުތަކަށް ނިސްބަތްވާ އެތައްހާސް ރައްޔިތުންތަކެއް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ގައުމުތަކެކެވެ. ހާއްސަކޮށް ބަންގްލަދޭޝް، އަދި ނޭޕާލް ރައްޔިތުންގެ އަދަދު ގިނައެވެ. އިންޑިއާ އާއި ލަންކާގެ އަދަދުވެސް މަދެއް ނޫނެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާގޮތުން ރާއްޖޭގައި މިވަގުތު 281،000 ބިދޭސީން އުޅޭކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

މާނައަކީ މިފަހަރުގެ މުބާރާތުގެ މެޗުތަކަށް އެގައުމުތަކުގެ ޓީމުތައް ކުޅޭ މެޗުތައް ބަލަން އެގައުމުތަކަށް ނިސްބަތްވާ ސަޕޯޓަރުން އެ 20 އިންސައްތައަށް ވާވަރަށް ވަންނާނެ ކަމެވެ.

ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ބިދޭސީން

މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް އޮތް އެންމެބޮޑު ފައިދާއަކީ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ހުރިހާ މެޗެއް ކުޅުމުގެ ފުރުސަތު ލިބުމެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުރަމުންދިޔަ ކޭމްޕުގެ ތެރެއިންވެސް އަދި މީގެއިތުރުން މުބާރާތަށް ހާއްސަކޮށް ރާއްޖޭގެ މީޑިއާތަކުން ގެނެސްދިން ޕްރޮގްރާމް ތަކުގައި ވާހަކަ ދައްކަމުންވެސް ކުޅުންތެރިންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރު ދެއްކި މައިގަނޑު ވާހަކައަކީ ހޯމް އެޑްވާންޓޭޖްގެ ވާހަކައެވެ.

އެހެންނަމަވެސް އެބުނާ "ހޯމް އެޑްވާންޓޭޖް" ގެ ހަގީގީ ފައިދާ ނެގޭނީ ދަނޑަށް ވަންނަ ދިވެހި ސަޕޯޓަރުންގެ އަދަދު ގިނަވެ، މުޅި ދަނޑު ފެއްސާއި ރަތާއި ހުދުން ޖަރީކޮށް، ގައުމީ ވަންތަ އަޑުތަކުން "މަގޭ މަހަލްދީބް" އޭ ގޮވާ، ދަނޑުމަތީގައި ކުޅެންތިބި ކުޅުންތެރިންނަށް އެ ހިތްވަރު ދީގެންނެވެ.

އެހެންނޫންނަމަ މި ހޯމް އެޑްވާންޓޭޖްގެ އެއްވެސް ފައިދާއެއް ހަގީގަތުގައި ނުނެގޭނެއެވެ. އެކަމުގެ ހެއްކަކަށް 2019 ވަނަ އަހަރު ވޯލްޑް ކަޕް / އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް އެކަނި ބަލާލިޔަސް ފުދެއެވެ.

ޗައިނާއިން ޗާޓާޑް ފްލައިޓުތަކުގައި އެގައުމުގެ ސަޕޯޓަރުން އައިސް ދަނޑު ފުރާލިއިރު ދަނޑުގައި ދިވެހިން ނިސްބަތުން މަދެވެ.

2019 ވަނަ އަހަރު ރާއްޖެ އާއި ދެކޮޅަށް ޗައިނާ ޓީމު ކުޅުނު މެޗުގެ ތެރެއިން

ސިޔާސީ ހަލަބޮލިކަމާއި، އެހެނިހެން ބައިބައިވުންތަކުގެ މަތިން ހަނދާން ނައްތާލާ، މިއީ މަގޭ ގައުމޭ، މިއީ މަގޭ ޓީމޭ، މިއީވެސް އަހަރުމެންގެ ފަހަރޭ ބުނެ ދިވެހި ގައުމީ ޓީމުގެ ފަހަތަށް އަރަންވީ ވަގުތަކީ މިއީއެވެ.

އެންމެފަހުން ވާދަވެރި މެޗުތަކުގައި ދިވެހި ޓީމަށް އެންމެ އެދެވޭ ނަތީޖާ ނުނެރެވުނުކަންވެސް ގަބޫލު ކުރަމެވެ. އެހެންނަމަވެސް އޭރު ގައުމީ ޓީމުން މެޗުތަކަށް ތައްޔާރުވީ ގޮތް ހަނދާންކުރީ ކާކުހެއްޔެެވެ. ހޮޓަލެއްގެ ބޯލް ރޫމެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސް އެ ނެރުނު ނަތީޖާ މުޅިން ގޯހެއް ނޫނޭވެސް ބުނެވިދާނެއެވެ.

ބޭރުގެ ކުލަބުތަކަށް ސަޕޯޓުކުރާ ދިވެހިން ނިސްބަތުން ގިނައިރު އެޓީމުތަކުން ނެރޭ ނަތީޖާ އާއިމެދު ދެރަވެ ހިތާމަކުރާއިރު "ވިން. ލޫސް އޯ ޓައި، މިވެނި ޓީމެއް ޓިލް އައި ޑައި" އޭބުނެ މުޅި މީސްމީޑިއާ ފުރާލާއިރު އެ ބަޔަކަށްޓަކާ އަހަރެމެން އެންމެ ފަހުރުވެރިވާންޖެހޭ ދިވެހި ގައުމީ ޓީމުގެ ފަހަތުގައިވެސް ހަމަ މި އަޒުމުގައި ތިބެން ޖެހެއެވެ. ކާމިޔާބު ދެއްވާނީ މާތް ﷲ އެވެ. ކުޅުންތެރިން ކަށިންނެރެ ކުރާނީ ހިތްވަރެވެ. އަހަރެމެން ކުރަންޖެހޭނީ ސަޕޯޓެވެ.

ބައެއް ދިވެހިންގެ ޝަކުވާއަކަށްވަނީ ދިވެހިރާއްޖޭގައި ބައެއް ދާއިރާތަކުގައި ބިދޭސީން އަތްގަދަ ކުރަމުންދާ ކަމުގެ ޝަކުވާއެވެ. އެހެންނަމަވެސް އަހަރެމެންގެ ގައުމީ ފުޓުބޯޅަ ދަނޑުގައި ދޭސީންނަށްވުރެ ބިދޭސީން ގިނަވެ، އެމީހުންގެ އަޑުގަދަވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

އެންމެން ގުޅިގެން "ތިންވަނަ ފަހަރު، މިއީ އެފަހަރު" ކަމަށް ބުނެ، އަވަހަށް ޓިކެޓުގަނެ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗަކަށްވެސް ދަނޑަށް ވަންނަން މަސައްކަތްކޮށް، ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ ފުރިހަމައަށް އަދާކުރަމާ ހިނގާށެވެ.

ޓިކެޓު ގަންނަން ގިނަ އަދަދެއްގެ ދިވެހިންތަކެއް ދިޔަ- ފޮޓޯ:- ވީނިއުސް

މިއަދު ޓިކެޓް ވިއްކަން ފަށާފައިވާއިރު ފެންނަ މަންޒަރަކީވެސް އުފާވެރި މަންޒަރެކެވެ. ގިނަ އަދަދެއްގެ ދިވެހިންތަކެއް ޓިކެޓް ގަންނަން ކިއު ހަދާފައި އޮތްކަންވެސް އުފަލާއެކު ފާހަގަކޮށްލަމެވެ.