އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ މެޗްޑޭ-1 އަށް ޓިކެޓު ވިއްކަން ފަށާފައިވާއިރު ޓިކެޓް ވިއްކަމުންދިޔަ ގަލޮޅު ދަނޑު ސަރަހައްދުގައި ގިނަ އަދަދެއްގެ ދިވެހިން ތަކެއް ޓިކެޓް ގަތުމަށް ކިއު ހަދައިފިއެވެ.

މެންދުރު 14:00 ގައި ޓިކެޓް ވިއްކަން ފެށިއިރު ވީނިއުސްގެ ޓީމުން އެސަރަހައްދަށް ދިޔައިރު ފެނުނީ އުފާވެރި، ގައުމީ ޖޯޝުގައި ގިނަ ބަޔަކު ޓިކެޓް ގަތުމަށް ގޮސް ތިބި މަންޒަރެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި ޓިކެޓް ގަތުމަށް ކިއު ހަދާފައި- ފޮޓޯ:- ވީނިއުސް

މެންދުރުގެ ހޫނުގަދަ ވަގުތުގައި އެދޭ އަތްވަށް ބެލުމެއް ނެތި ވަކި އުމުރެއް، ވަކި ޖިންސެއް ތަފާތުކުރުމެއް ނެތި ގިނަ ބަޔަކު އެތައް އިރެއްވަންދެން ކިއުގައި ޖެހިގެން ތިއްބެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި ޓިކެޓް ގަތުމަށް ކިއު ހަދާފައި- ފޮޓޯ:- ވީނިއުސް

އެފްއޭއެމް އިން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މެޗުގެ ޓިކެޓް ގަންނަންދާ ފަރާތްތަކަށް ޓިކެޓު ވިއްކާނީވެސް އަދި މެޗުބަލަން ދަނޑަށް ވަދެވޭނީވެސް ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޓިކެޓް ގަންނަންދާ ފަރާތްތަކުގެ އިތުރުން ކޮންމެ ޓިކެޓަކަށް ވާވަރަށް އައިޑީ ކާޑާއި ވެކްސިން ކާޑު ގެންނަން ޖެހޭނެކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.

ރައްކާތެރިކަމަށް އެފްއޭއެމް އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މުބާރާތުގެ ކޮންމެ މެޗްޑޭ އެއްގެ ޓިކެޓުވެސް ވަކިން ވިއްކާއިރު ކޮންމެ މެޗެއްގެ ޓިކެޓުވެސް ވިއްކުމަށް ކަނޑައަޅާފައިވަނީ ވަކި ކައުންޓަރަކުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކުޅޭ ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓުތައް ނިއުރޭޑިއެންޓް ސަޕޯޓަރުން ތިބޭ ފަޅީގެ ފުރަގަހަށް އިންނަ ކައުންޓަރުން (ސިޑިބަރި ކައުންޓަރު) ވިއްކާއިރު ރާއްޖެ ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ކައުންޓަރުންނެވެ.

މީގެއިތުރުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޓިކެޓުގައި ހާއްސަ ސެކިއުރިޓީ ފީޗާސް ތަކެއް ހިމަނާފައިވާއިރު އެއްވެސް މެޗެއްގެ ހާފް ޓައިމުގައި ދަނޑުން ބޭރަށް ނުނިކުމެވޭނެކަން އެފްއޭއެމް އިން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގެ މެޗުތަކަށް ޓިކެޓުވިއްކުން މިއަދު 14:00 ގައި ފަށާއިރު ގޮނޑިބަރިން 100 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު ސިޑިބަރިން ޓިކެޓެއް ވިއްކާނީ 75 ރުފިޔާ އަށެވެ.

މެޗުތަކުގެ ޓިކެޓް މިއަދު ފަށާއިރު މިއަދު ޓިކެޓް ވިއްކާނީ 14:00 އިން ފެށިގެން ރޭގަނޑު 23:00 އާއި ހަމައަށެވެ. އަދި ބުރާސްފަތި ދުވަހުވެސް މެޗްޑޭ-1 ގެ ޓިކެޓު ވިއްކާއިރު އެދުވަހު ޓިކެޓު ވިއްކާނީ ހެނދުނު 10:00 އިން އިރުއޮއްްސި 18:00 އަށް އަަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.