ޖަޕާނުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ އައު ލީޑަރަކަށް ފުމިއޯ ކިޝިޑާ އިންތިޚާބުކޮށްފިއެވެ.
ފުމިއޯ ކިޝިޑާއަކީ ޖަޕާނުގައި ކުރިން ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވުމުގެ ސަބަބުން ޖަޕާނުގެ ބޮޑުވަޒީރުކަމަށް އޭނާ އައްޔަން ކުރެވޭނެއެވެ.
ޖަޕާނުގައި އުސޫލުތައް އޮންނަގޮތުން، ބޮޑުވަޒީރުކަމުގައި ހުންނަވާނީ އެއިރަކު ވެރިކަންކުރާ ޕާޓީއެއްގެ ލީޑަރުކަމުގައި ހުންނަވާ ބޭފުޅެކެވެ.
އެލްޑީޕީގެ ލީޑަރުގެ މަގާމަށް ފުމިއޯ ކިޝިޑާއާ ވާދަކުރެއްވީ، ޖަޕާނުގައި މިހާރު ކުރިއަށްގެންދާ ކޮވިޑް ވެކްސިން ޕްރޮގްރާމްގެ އެންމެ އިސް މޭތިރި ޓާރޯ ކޯނޯއެވެ. އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށްވެއެވެ.
ޓާރޯ ކޯނޯއަކީ ޖަޕާނު ސަރުކާރުގައި ކުރިން ދިފާއީ ވަޒީރުކަމާއި ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެލްޑީޕީގެ ލީޑަރޝިޕަށް ފުމިއޯ ކިޝިޑާއާއި، ޓާރޯ ކޯނޯގެ އިތުރުން، ދެ އަންހެން ބޭފުޅުން ކަމަށްވާ ސަނައީ ޓަކައިޗީއާއި، ސެއިކޯ ނޮޑާވެސް ވާދަކުރެއްވިއެވެ.
އެލްޑީޕީގެ ލީޑަރުކަން ކާމިޔާބު ކުރެއްވި ފޮމިއޯ ކިޝީޑާ މަގާމަށް އައްޔަން ކުރެވޭނީ މިއަންނަ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު އޮންނަ ޕާލަމެންޓުގެ ދަށުގޭގެ ޖަލްސާގައެވެ. ދަށު ގޭގައި އަޣުލަބިއްޔަތު އޮންނަނީ އެލްޑީޕީއަށެވެ.
ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައު ބޭފުޅަކު މި އައްޔަން ކުރެވެނީ، ބޮޑުވަޒީރުކަމުގައި މިހާރު ހުންނެވި ޔޮޝިހިޑޭ ސޫގާ، ޕާޓީގެ ލީޑަރުކަމުގެ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.
ވެރިކަމުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އިރު، ސޫގާ ވެވަޑައިގެންނެވީ އާންމުންގެ މަގްބޫލްކަން ކުޑަ ބޮޑުވަޒީރަކަށެވެ.
ބޮޑުވަޒީރުގެ މަގްބޫލްކަން ކުޑަވެގެންދިޔައީ ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ދޯދިޔާވުމުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިގްތިސާދަށްވެސް ހީނަރުކަން އައުމުގެ ސަބަބުންނެވެ.
ބޮޑުވަޒީރު ސޫގާ ވެރިކަމަށް ވަޑައިގެންނެވީ އިގްތިސާދު ނަގަހައްޓައި، ކޮވިޑާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ.