މިފެށޭ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އިތުރު 3 ދާއިރާއެއްގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވާން ފަށައިފިއެވެ.

ވި ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ބައި އިލެކްޝަން ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންދާ ކަމަށެވެ.

އެގޮތުން އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ. ކެނދިކުޅުދުއާއި، ހދ. ނޭކުރެންދުއާއި ރ.މަޑުއްވަރީގަ ކަމަށެވެ.

އަންނަ މަހުގެ 16 ގެ އިތުރުން އެމަހުގެ 30 ވަނަ ދުވަހުވެސް، އިތުރު ބައި އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.

އެދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ. ވިލިގިނލީގައާއި، ޅ. ކުރެންދޫގައެވެ.

ބައި އިލެކްޝަނަށް ހުލުވާލި ދާއިރާތަކުގެ ތެރެއިން ކ. ހުރާ، ނ. މަގޫދޫގައި، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލުމުން އެދެ ދާއިރާގައި އިންތިޚާބަކާ ނުލައި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ވެފައި ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުންގެ ޝައުގުވެރިކަން ވަރަށް ކުޑަ ކަމަށެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ ވެސް އަންނަހަރުން ފެށިގެން ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.