ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗަސްޓަރ ޔުނައިޓެޑުން ވިލަރެއާލް ބަލިކުރި މެޗުގެ 90 މިނެޓު ހަމަވިފަހުން ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުވަގުތު ޖެހި ލަނޑާއެކު އަނެއްކާވެސް އޭނާ އިތުރު ރެކޯޑަކާ އަރާ ހަމަކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ އިތުރުން ފުޓުބޯޅައިގެ އެތައް ރެކޯޑެއް މިހާރުވެސް ހަދާފައިވާ ރޮނާލްޑޯ ވަނީ 1-1 ގެ ނަތީޖާއަކުން ރޭގެ މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ.
މިލަނޑާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި މެޗެއްގެ 90 މިނެޓަށްފަހު ލަނޑުޖަހައިގެން އެންމެ ގިނަ މެޗުތަކަކުން ކުލަބެއް މޮޅުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑަކާ އަރާ ހަމަކޮށްފައެވެ. އެއީ ތިން މެޗެވެ. ދެން މި އަދަދަށް މިކަން ކޮށްފައިވަނީ މިހާރު ބާސެލޯނާ އަށް ކުޅެމުން އަންނަ އަގުއެރޯ އެވެ.
މީގެއިތުރުން މިމެޗުގައި ކުޅެ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދާފައެވެ. އެއީ މުބާރާތުގައި 178 މެޗު ކުޅެގެންނެވެ. ދެވަނައިގައި އޮތް ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް އިކާ ކަސިއަސް ކުޅެފައިވަނީ 178 މެޗެވެ. ރޮނާލްޑޯ މި ރެކޯޑު ހަދާފައިވަނީ 2003 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މިއައި މުއްދަތުގެ ތެރޭގައެވެ.
މެޗުން ޔުނައިޓެޑް މޮޅުވިއިރު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ވިލަރެއާލް އިންނެވެ. ދެވަނަ ހާފުގައި މެޗުގެ 53 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕާކޯ އަލްކެސާ އެވެ.
އެހެންނަމަވެސް އޭގެ 7 މިނެޓުފަހުން އެލެކްސް ޓެއެސް ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދިން އިރު މިއީ ޖެސޭ ލިންގާޑާއި ރޮނާލްޑޯގެ ރަނގަޅު ކޮމްބިނޭޝަނަކަށްފަހު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާއި ވިލަރެއާލް ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ޔަންގް ބޯއިސް އާއި އެޓަލަންޓާ އެވެ. ރޭ މި ދެޓީމުގެ ކުރިމަތިލުމެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.
އެޓަލަންޓާގެ ދަނޑުގައި ކުޅުނު މިމެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޓަލާންޓާއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި މެޗުގެ 68 ވަނަ މިނެޓުގައި އެޓަލާންޓާއަށް ކާމިޔާބު ކޮށްދިނީ މަޓިއޯ ޕެސީނާ އެވެ.
މި ނަތީޖާ ތަކާއެކު މި ގުރޫޕުގެ އެއްވަނައިގައި އެޓަލާންޓާ އޮތީ ދެމެޗުން 4 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި މިބުރުގެ ފުރަތަމަ މެޗުން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި ޔަންގ ބޯއިސް އޮތީ 3 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ޔުނައިޓެޑްވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި ވިލަރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.